1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ދީން

ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޢިބްރަތްތަކުން ފުރިގެންވާ ދުވަހެއް; އެ ދުވަހުގެ ރޯދަ އިސްވެދިޔަ އަހަރުގެ ފާފަ ފުއްސަވައެވެ!

111
މަރްޔަމް ޝަފާ ސައީދު
290ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި، މާތްކަމާއި، ޢިބްރަތްތަކުން ފުރިގެންވާ ދުވަހެއްކަން ފާހަގަކޮށް، އެ ދުވަހުގެ ރޯދަ ހިފުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންނަށް އިލްތިމާސްކޮށްފިއެވެ. ޢާޝޫރާ ދުވަހުގެ މާތްކަމާ ގުޅޭގޮތުން ދެއްވި މި ޚުޠުބާގައި، އެ ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމެއްކަމަށް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވާކަން ހަނދާންކޮށްދީފައިވެއެވެ.

ޚުޠުބާގައި ބުނީ، މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި، މާތްކަމާއި، ޢިބްރަތްތަކާއި ޙިކުމަތްތަކުން ފުރިގެންވާ ދުވަހެއްކަމަށާއި ޢާޝޫރާ ދުވަހަކީ މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން، ފިރުޢައުނުގެ ކިބައިން އެންމެ ގަދަފަދަވަންތަ ﷲ ސަލާމަތްކުރެއްވި ދުވަސް ކަމަށެވެ.

ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުވެގެން ދިޔައީ މި ދުވަހުގައެވެ. ނަތީޖާއެއްގެ ގޮތުން، މޫސާގެފާނަށް ތަބާވީ މީހުން، ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން މި ދުވަހު ރޯދަ ހިފިއެވެ. މުއުމިނުންނަށް ކުރިމަތިވާ ބޮޑެތި މުޞީބާތްތަކާއި ކާރިސާތަކުން، ﷲ އެކަލާނގެ ރަސޫލުންނާއި މުއުމިނުން ސަލާމަތްކުރައްވާ ގޮތް ދައްކަވައި، މީސްތަކުންގެ އީމާންތެރިކަން ވަރުގަދަކުރެއްވުމަށްޓަކައި، މިފަދަ ހާދިސާތަކުގައި އެކަލާނގެ ގިނަގުނަ ޢިބްރަތްތަކާއި ޙިކުމަތްތައް ލައްވާފައިވެއެވެ.

300 × 250

ﷲ ވަޙީކުރައްވާފައިވެއެވެ: "މުއުމިނުން ސަލާމަތްކުރުމަކީ ތިމަންރަސްކަލާނގެ މައްޗަށް އޮތް ޙައްޤެކެވެ." މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން ފިރުޢައުނުގެ ކިބައިން ސަލާމަތްވި ހާދިސާއިން އަހަރެމެންނަށް އުނގަންނައިދެނީ، މުޞީބާތްތަކުން ސަލާމަތްވުން އޮތީ އީމާންތެރިކަމާއި، އެންމެ ގަދަފަދަވަންތަ ﷲ އަށް ބޯލަނބައި ކިޔަމަންގަތުމުގެ (އިސްލާމްކަމުގެ) ތެރެއިން ކަމެވެ. އެއީ އާޚިރަތުގެ ކާމިޔާބީއާއި ނަޞީބު ލިބިގަތުމުގެ މަގެވެ. މީގެ އިތުރުން، މިކަމުން ދޭހަކޮށްދެނީ ދުނިޔެއާއި އާޚިރަތުގައިވެސް ޙަޤީޤީ ސަލާމަތްތެރިކަމެއް، ﷲ އަށް ވަކީލުކޮށް އެކަލާނގެއަށް ރުޖޫޢަވެގެން މެނުވީ ނުވާކަމެވެ. އަދި މިއީ ﷲ އަށް އުރެދި، ބިމުގައި ފަސާދަ ފަތުރަން މަސައްކަތްކުރާ މީހުންނަށް އެކަލާނގެ ގަދަފަދަ ޢަޛާބު ދެއްވައި، އެބައިމީހުން ހަލާކުކުރައްވާނެކަން ހަނދާންކޮށްދޭ ކަމެއްވެސް މެއެވެ.

މީގެ އިތުރުން، ޢާޝޫރާ ދުވަހާ ގުޅުވައިގެން ބައެއް މީހުން ކުރަމުންދާ ބިދުޢަތަކާއި ދީނާ ޚިލާފު އަމަލުތަކާ މެދު ސަމާލުވުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ. ޚާއްޞަކޮށް ޙުސައިންގެފާނު ޝަހީދުވުމާ ގުޅިގެން އުފައްދާފައިވާ ހިތާމައިގެ ބިދުޢަވެރި އަމަލުތަކުން ދުރުހެލިވުމަށް ގޮވާލަމުން، ދީނުގައި ސާބިތުވާ ކަމަކީ ހަމައެކަނި ރޯދަ ހިފުން ކަމުގައި ޚުޠުބާގައި ބުނެފި އެވެ.

ޚުޠުބާ ނިންމާލަމުން، މުސްލިމް އުއްމަތަށް ނަޞޭޙަތްތެރިވެފައިވަނީ، ﷲ އަށް ތަޤުވާވެރިވެ، ރަސޫލާގެ ސުންނަތުގައި ހިފެހެއްޓުމަށެވެ. އަދި މުޙައްރަމް މަހަކީ ޙުރުމަތްތެރިވެގެންވާ މަހަކަށްވާތީ، އަމިއްލަ ނަފްސުތަކަށް އަނިޔާވެރިނުވެ، ހެޔޮ އަމަލުތައް ކުރުމުގައި ދެމިތިބުމަށް މިއަދުގެ ޚުޠުބާގައި ބާރުއަޅާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި