ށ. ފުނަދޫގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ގާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" އިމާރާތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއީލް އަލީ އެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އެވެ. މި މަޝްރޫއުގެ ދަށުން ފުނަދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 40 މީހުންގެ ޖާގަ ހިމެނޭ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި އިސްރަށްވެހިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނެ މަރުކަޒަކާއި، އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީހެއްގެ އިތުރުން ދިރިއުޅުމުގެ ޒަރޫރީ އެކި ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ގާއިމުކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބޭނުންވާ ރިކްރިއޭޝަނަލް ހަރަކާތްތައް ހިންގުމަށް ހާއްސަ ސަރަހައްދެއްވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 37.46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.