މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ޝަރަފުގެ ނިޝާން ދިނުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފުލުހުންނަށް ނިޝާންތައް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި މާލެ ސަރަހައްދުގެ އެކި ރޭންކުތަކުގެ ޖުމްލަ 84 ފުލުހަކަށް ޝަރަފުގެ ނިޝާން އަރުވާފައިވެއެވެ. އޭގެ ތެރޭގައި 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންގެ އިތުރުން، ސީނިއާ ސާޖަންޓުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ 34 ފުލުހަކު ހިމެނެއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޝަރަފުގެ ނިޝާން ހާސިލްކުރި ހުރިހާ ފުލުހުންނަށް މަރުހަބާ ދަންނަވާފައެވެ. ސީޕީގެ ވާހަކަފުޅުގައި، ފުލުހުންގެ ހިދުމަތުގެ ދިގު މާޒީގައި އޮފިސަރުން ދައްކަވަމުން ގެންދަވާ ކެތްތެރިކަމާއި އިހުލާސްތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ފުލުހުންގެ ސަފުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮންމެ ފުލުހަކުވެސް އެ ރޫހުގައި މަސައްކަތް ކުރުމަށް ސީޕީ އިލްތިމާސް ކުރެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އޮފިސަރުންނަށް ލިބޭ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް މުއައްސަސާއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ ހިދުމަތުގެ އިސް އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެ ސަރަހައްދުގައި މަސައްކަތް ކުރާ 84 ފުލުހަކަށް ޝަރަފުގެ ނިޝާން އަރުވައިފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.