ހުޅުމާލޭގެ އިމާރާތެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ތިބެ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން މިއަދު ހެނދުނު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ތަވާ ކެފޭ ކައިރީގައި ހުންނަ އޭއެޗް ބްރަދާސް އިމާރާތުގެ އެޕާޓްމެންޓެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. ފުލުހުން އެ ސަރަހައްދަށް ގޮސްފައިވަނީ މިއަދު ހެނދުނު 6:00 އެހާއިރު ބަޔަކު މާރާމާރީ ހިންގާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ އިމާރާތުގެ ބެލްކަނީގައި މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ބަޔަކު ހަރަކާތްތެރިވަމުން ދިޔައެވެ. އޭގެ ތެރޭގައި ދެ އަންހެނަކު އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީ ހިންގާ މަންޒަރުވެސް ފެނިފައިވެއެވެ. ފުލުހުން އެ ތަނަށް ވަދެ، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްގެން ގެންދިޔައިރު، އެ އެޕާޓްމެންޓުން ބައެއް ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، މި އިންސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އެ ސަރަހައްދު ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. "ސީން ޕްރޮސެސް ކުރުމާއި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ނިމި ފުރިހަމަ މައުލޫމާތު ލިބުމުން، މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހިއްސާކުރެވޭނެ،" ފުލުހުން މީޑިއާއަށް މައުލޫމާތު ދެއްވިއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވެއެވެ.
ހުޅުމާލޭގައި މަސްތުވެގެން ތިބެ މާރާމާރީ ހިންގި ބަޔަކު ހައްޔަރަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.