ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިމާވެދާނެ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައުލަތުގެ މުހިންމު ތިން އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. 28 ޖޫން 2026 ގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްއޭސީއެލް އިން އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) ގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކުގައެވެ. ހުޅުލޭ އައިލެންޑް ހޮޓެލްގައި "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި، އެއްބަސްވުންތަކުގައި ބައިވެރިވި މުއައްސަސާތަކުގެ މަންދޫބުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.WhatsApp Image 2026-06-28 at 13.51.52 (2)އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ޤައުމީ މުހިންމު އިދާރާތަކާއެކު އެމްއޭސީއެލް އިން ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ތެރެއިން----ފޮޓޯ:އެމްއޭސީއެލް މި ފަހުމުނާމާތަކުގެ މައިގަނޑު މަގުސަދަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެއާޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ މައި ދޮރާށީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެމްއޭސީއެލް އިން ގަބޫލުކުރާ ގޮތުގައި، މިފަދަ ހާލަތްތަކުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުއާމަލާތުކުރުމުގެ ނިޒާމު ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.WhatsApp Image 2026-06-28 at 13.51.52 (1)އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ޤައުމީ މުހިންމު އިދާރާތަކާއެކު އެމްއޭސީއެލް އިން ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ތެރެއިން----ފޮޓޯ:އެމްއޭސީއެލް މި އެއްބަސްވުންތަކުގެ ދަށުން އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ކޮންމެ މުއައްސަސާއަކުން އަދާކުރަންޖެހޭ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. އެމްއޭސީއެލް އިން ވަނީ މި ފަހުމުނާމާގައި ސޮއިކުރި ހުރިހާ އިދާރާތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރުވެފައިވާ، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.