މޯލްޑިވްސް ޓްރާސްންޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން .މާފަރުގައި ގާއިމުކުރާ ފުލުހުންގެ ޕޯސްޓުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކުރައްވައފިއެވެ.
މަޝްރޫއުގެ އަދާހަމަ ދެއްވާ އެމްޓީސީސީއިން އެކްސްގައި ކުރެއްވި ޕޯސްޓުގައި ހާމަކޮށްފައިވަނީ، މާފަރު ޕޮލިސް ޕޯސްޓު އިމާރާތް ކުރުމުގެ މަޝްރޫއުގެ 64 އިންސައްތަ މަސައްކަތް މުޅިން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އިމާރާތުގެ ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތާއި، އެތެރޭގެ ސީލިންގު ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.
އެމްޓީސީސީން އަންނަނީ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއު ނިމުމުން މާފަރުގެ އިތުރުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނ.މާފަރުގައި ކުރިއަށްދާ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ 2025 ވަނަ އަހަރުގެ ޖުލައި މަހު ނ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިންމުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތައް ބިނާކުރުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.