ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަސިންޖަރުންގެ ތެރެއިން ބޭރުފުށުން ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން ނުވަތަ 'ނަން-ވިޒިބަލް ޑިސްއެބިލިޓީސް' ހުންނަ ފަރާތްތަކަށް ޚާއްސަ 'ކާމް ރޫމް' އެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން، އެއަރޕޯޓުގެ ޚިދުމަތްތަކަކީ އެންމެންނަށް ބޭނުންކުރެވޭނެ ފަދަ ފަސޭހަ ޚިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އެއަރޕޯޓުގެ ޓާމިނަލް 1 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކާމް ރޫމް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
'ބޮލި' މި ނަމުގައި ތަޢާރަފްކުރެވުނު މި ޚިދުމަތަކީ ދުނިޔޭގެ ކުރިއަރާފައިވާ އެއަރޕޯޓުތަކުގައިވެސް މިފަދަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމްތަކަށް ބިނާކޮށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. މި ކާމް ރޫމަކީ އެއަރޕޯޓުގެ ކިއުތަކާއި ކުލަބޮކިތަކުގެ ސަބަބުން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށްދީ، ހިތްހަމަޖެހުމާއެކު ވަގުތު ހޭދަކުރެވޭނެ ފަދަ ސެންސަރީ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެކެވެ.
މި ކާމް ރޫމްގައި ތަފާތު ސެންސަރީ އައިޓަމްތަކާއި އެކްޓިވިޓީތައް ހިމަނާފައިވާއިރު، ފަސިންޖަރާއެކު އަންނަ ބެލެނެވެރިއަކަށްވެސް އެތަނުގައި މަޑުކޮށްލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއި ކާޑެއް ދޫކުރެވޭނެއެވެ. މި ލެންޔާޑުގެ ސަބަބުން އެއަރޕޯޓުގެ މުވައްޒަފުންނަށް އެއީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ފަސޭހައިން ދެނެގަނެވި، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
އެމްއޭސީއެލްގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހުރިހާ ފަންތިއެއްގެ ފަސިންޖަރުންނަށްވެސް އެއްވެސް ދަތިކަމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމެވެ. މިއަދު ހުޅުވުނު ކާމް ރޫމަކީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.