1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ބްރެޒިލް ބަލިކޮށް ނޯވޭ ކުއާޓާ ފައިނަލަށް: ހާލަންޑްގެ ދެ ލަނޑާއެކު ބްރެޒިލް ކަޓައިފި

FIFA World Cup 2026 - Round of 16 - Brazil v Norway
ބްރެޒިލް އާއި ނޯވޭ ބައްދަލު ކުރި މެޗުގެ ތެރެއިން
ނަދީމް އަލީ
ފޮންޓް ސައިޒް
އާދައިގެ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ދުނިޔޭގެ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް 2-1 އިން ބަލިކޮށް، ނޯވޭ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ނަތީޖާއާއެކު ބްރެޒިލް ވަނީ މުބާރާތުން ކަޓާފައެވެ.

މި މެޗުގައި ނޯވޭގެ ތަރި އާލިން ހާލަންޑް ވަނީ ދެ ލަނޑު ޖަހައިދީ، އޭނާގެ ބައިނަލްއަގުވާމީ ފެންވަރުގައި ދައްކަމުންދާ އާދަޔާޚިލާފު ކުޅުން ތަކުރާރުކޮށްފައެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ހާލަންޑް ވަނީ ނޯވޭއަށް އެންމެ ފަހުން ކުޅުނު 14 މެޗުގައިވެސް ލަނޑު ޖަހާފައެވެ. މިއީ 1998 ވަނަ އަހަރު އިޓަލީގެ ކްރިސްޓިއަން ވިއޭރީއަށްފަހު، ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައިވެސް ލަނޑު ޖެހި ފުރަތަމަ ޔޫރަޕް ކުޅުންތެރިޔާއެވެ.

މެޗުގެ ކުރީކޮޅު ނޯވޭގެ ޕެޓްރިކް ބާގް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމިއެވެ. އޭގެ ފަހުން ބްރެޒިލަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނޯވޭގެ އޭޔަރ، ބްރެޒިލްގެ ކޫންހާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ބްރޫނޯ ގިމަރޭޒް ފޮނުވާލި ނަމަވެސް، ނޯވޭގެ ކީޕަރު އޯރްޖަން ނީލަންޑް ވަނީ އެ ބޯޅަ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ނީލަންޑް ވަނީ މުޅި މެޗުގައިވެސް ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަރ އާއި މާޓިނެލީ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކޮށްފައެވެ.

300 × 250

މެޗުގެ 79 ވަނަ މިނެޓުގައި ނޯވޭއަށް ލީޑު ނަގައިދިނީ ހާލަންޑެވެ. އޭނާ މި ލަނޑު ޖެހީ އެންޑްރިއަސް ޝްޖެލްޑަރަޕް ނެގި ހުރަހަކުން ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ހާލަންޑް ވަނީ ނޯވޭގެ ދެވަނަ ލަނޑު ޖަހައި، ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްދީފައެވެ.

ބްރެޒިލްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ 100 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ ނޭމާއެވެ. މިއީ ނޭމާ ވޯލްޑް ކަޕްގައި ފެނިގެންދާ ފަހު މެޗު ކަމަށް ބެލެވެއެވެ.

މި ބައްޔާއެކު ބްރެޒިލްގެ ހިތްދަތި ރެކޯޑެއް ވަނީ އާވެފައެވެ. އެޓީމު ވަނީ އެންމެ ފަހުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައެވެ. ކުއާޓާ ފައިނަލުގައި ޖުލައި 11 ވަނަ ދުވަހު ނޯވޭ ބައްދަލުކުރާނީ އިންގްލެންޑް ނުވަތަ މެކްސިކޯއާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި