ށ. ފޭދޫގެ ބަނދަރުގެ މަސައްކަތް ދަނީ ހުއްޓުމެއް ނެތި ކުރިއަށް ކަން ހާމަކުރައްވައިފިއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިކަމުގައިވާ، މޯލްޑިވަސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ މަސައްކަތުގެ އަދާހަމަ، މީސް މީޑިޔާގައި ހިއްސާކުރައްވާފައިވެއެވެ.

އެ އަދާހަމައިގައި އެމްޓީސީސީއިން ހާމަކުރައްވާފައިވާ ގޮތުގައި، ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ޝަޓަރިން އަދި ކެޕިން ބީމް އޮފް ކުއޭ ވޯލްގެ މަސައްކަތްތަކާއި ކުއޭ ވޯލް އޭރިއާއަށް ވެލިއެޅުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިއީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.