ކައުންސިލްތަކަށް ލޯން ދޫކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ގާނޫނަށް ގެނެވުނު މިބަދަލާ ގުޅިގެން، ކޮންމެ ކައުންސިލަކަށްވެސް އެއަހަރަކަށް ލިބޭ އާމްދަނީއިން އެކައުންސިލަކުން ކުރާ ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާއިން، އެއްބަސްވާ ގޮތެއްގެ މަތިން އެހެން ކައުންސިލްތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކުރެވިދާނެއެވެ. އަދި މިގޮތަށް ދޫކުރާ ލޯނުތައް އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ފައިސާއިން އެބައި އުނިކޮށް އެފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެން ވެއެވެ. މާލިއްޔަތު ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލް ފާސް ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާގައެވެ. މި ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހުއްދަ އޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަމަލު ކުރަންވީ އުސޫލަށް އިސްލާހު ގެނެސްފައިވެއެވެ. އަދި ކައުންސިލްތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލު ކުރުމުގެ އުސޫލުތައް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު ކައުންސިލްގެ މުދާ ހުއްދަ ކުރެވިގެން ވިއްކުމާއި އެއާ މެދު އަމަލު ކުރުމުގެ ހަމަތަކާއި ކައުންސިލްތަކުން އަމިއްލަ ޖަމިއްޔާތަކަށާއި ޖަމާއަތްތަކަށް އެހީ ދެވޭނެ ގޮތްތައް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިގާނޫނަށް ގެނެވިފައިވާ އިސްލާހުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި އެގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން މި ބިލް ގާނޫނަކަށް ވެ ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.