ކޮންމެ ރަށެއްގައިވެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޖުމްލަ އަދަދާއި، އެ އުޅަނދެއް ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލާޒިމްކޮށްފިއެވެ. މިގޮތަށް ލާޒިމްކޮށްފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އަލަށް އެކުލަވާލާ ޢަމަލުކުރަން ފެށި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދުގައެވެ. މި ޤަވާއިދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި، އެކަން ތަންފީޒްކުރުމުގައި އަުޅަނަތުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އުޞޫލުތައް ބަޔާންކުރާ ޤަވާއިދެކެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިފަދަ ޤަވާއިދެއް އެކުލަވާލުމުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެނޫންވެސް ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ ޢަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާއ އެއްގޮތަށް އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުމަށްފަހު، އެކަން ތަންފީޒުކުރުމުގައި ޢަމަލުކުރަންޖެހޭ އާންމު އުޞޫލުތައް ބަޔާންކުރުންކަމަށެވެ. އަދި ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ޤަވާއިދު ހިންގާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުންކަމަށާއި، ސިނާޢީ މަސައްކަތްތަކަށް ދޫކޮށްފައިވާ ސަރަޙައްދެއްގައިނަމަ މި ޤަވާއިދު ހިންގާނީ އެ މިނިސްޓްރީންކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުމުގައި ބަލަންޖެހޭ އަސާސްތައް
- އެ ރަށެއްގެ މީހުންގެ އާބާދީ - ބޭނުންކުރާ އެއްގަމު އުޅަނދުގެ އަދަދު - އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މަގުތަކާއި، ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަޙައްދުގެ ބޮޑުމިން
މި ޤަވާއިދުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި، ސިނާޢީ ރަށްރަށާއި ސަރަޙައްދުތަކުގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދާއި، އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު، އެއިން ކޮންމެ ތަނަކަށް ވަކީން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައަޅަންޖެހެއެވެ. އަދި މި ޤަވާއިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހު، އުޅަނދުތަކުގެ އަދަދު ކަނޑައެޅި ފަރާތުން އެކަން އާންމުކޮށް ފެންނަން ހުންނާނޭހެން ޝާއިޢުކޮށް، އިޢުލާނު ކުރަންޖެހޭނެކަމަށާއި، އެކަން އިޢުލާންކުރާތާ މަދުވެގެން 6 މަސްދުވަހުގެ ފަހުން އެ ކަނޑައަޅާ ޢަދަދާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެއެވެ.
އުޅަނދުތައް ރަޖިސްޓްރީކުރެވޭނެ ޢަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްތަކުން ކުރުމަށްފަހު، ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓާއި، ކަނޑައަޅާ ޢަދަދުތައް ކައުންސިލްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ލޯކަލް ކައުންސިލްތަކުން ފޮނުވާ އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވަނީ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ މިނިސްޓްރީން ބަލަންޖެހޭނެކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.