ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)އިން 2022 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރ ހާއްސަކޮށްފައިވަނީ އަދަބީ ބަސް ދިރުވައި އާލާކުރުމަށެވެ.
އެސް.ޓީ.އޯގެ ފަރާތުން އިއްޔެ ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި އަންނަ އަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރ ވަނީ އިފްތިތާހުކޮށްފައެވެ. މިފަހަރުގެ ކަލަންޑަރ ހާއްސަކުރެވިފައިވަނީ ކުޑަކުދިންނަށެވެ. އެކުދިންނަށް އަދަބީ ބަސް އުގަންނައިދީ އެބަސް އާލާ ކުރުމުގެ މަޤްސަދުގައި ދިވެހި ވަންތަ ތަސައްވުރަކާއެކު އިފްތިތާހުކުރެވުނު ކަލަންޑަރެކެވެ.
ކަލަންޑަރ އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ.
ކޮންމެ އަހަރަކުވެސް ވަކި ބަޔަކަށް ނުވަތަ ވަކި ކަމަކަށް ހާއްސަކޮށް އެސްޓީއޯ އިން ކަލަންޑަރެއް އިފްތިތާހުކުރެއެވެ.
ކަލަންޑަރ އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ އަދަބީ ބަހަށް ހާއްސަކޮށްގެން އަންނަ އަހަރުގެ ކަލަންޑަރު ފަރުމާކުރަން އިސްކަމެއް ދިނީ ދިވެހިންގެ ތެރޭގައި ބޭނުންކުރާ މިސާލު ބަހާއި ހަރުބަސްތަކަކީ ވަރަށް ޒަމާނުއްސުރެ އައިސްފައިވާ ބަސްތަކެއް ނަމަވެސް, ދުނިޔެ ބަދަލުވެ, ހަރުބަހަކީ ވެސް އާ ވަމުން އަންނަ އެއްޗެއްގެ ގޮތުގައިވުން މުހިންމު ކަމަށް ދެކޭތީ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބަސްތައް ބޭނުން ކުރާއިރު ވެސް އަދަބީ ބަސްތައް ބޭނުން ކުރާ ކަމަށާއި އެފަދަ ބަސްތައް އަންނަނީ ގިނަ ބައެއްގެ ތަޖުރިބާއާއި އެކީ ކަމަށް ވިދާޅުވިއެވެ.
މިހަފްލާގައި ކުޑަކުދިންނަށް ހާއްސަކޮށް ފޮތެއްވެސް ވަނީ ނެރެފައެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އަދަބީ ބަސް ފޮތް އިފްތިތާހުކޮށްދެއްވަނީ /ފޮޓޯ: އެސް.ޓީ.އޯ
އަދަބީ ބަސްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މިފޮތް އިފްތިތާހު ކޮށްދެއްވާފައިވަނީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.