އައްޑޫސިޓީ ގައި ހިންގި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ޕައިލެޓް ޓްރެއިނިންގ ހަދަމުންދިޔަ ދަރިވަރުންގެ ކިޔެވުން، ގައުމީ އެއާލައިނުން އަލަށް ހަދަން ނިންމާފައިވާ ފްލައިން ސްކޫލްގައި ނިންމުމަށް ސަރުކާރުން ލޯނު ހަމަޖައްސައިދޭން ނިންމައިފިއެވެ. ސްރީލަންކާގެ ކުންފުންޏަކުން ހިންގަމުންދިޔަ ފްލައން ސްކޫލްއަށް ކޯސް ފީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ވަނިކޮށް ކިޔެވުން ފުރިހަމަ ނުކުރެވިގެން އެސްކޫލްގައި ކިޔަވަމުންދިޔަ ހުރިހާ ކުދިންނަށް މިހާރު ވަނީ ގޮތް ހުސްވެފައެވެ. އެ ތަނުގެ ހިންގުން ބޮއްސުންލައިގެން ގޮސްފައިވަނިކޮށް އާ ފްލައިން ސްކޫލެއް ހިންގަން ނިންމާފައިވަނީ، ގައުމީ ޔުނިވާސިޓީއާ ގުޅިގެން މޯލްޑިވިއަން އެއާލައިނުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކުންފުނިން ވަނީ ދަރިވަރުންގެ ކިޔެވުމުގެ ކޯސް ފީ ސްޓްރަކްޗާއާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ ބައްދަލުކޮށްފަ އެވެ.
އާ ފްލައިން ސްކޫލުގައި މި މަހުގެ ފަހުކޮޅު ކިޔެވުން ފެށުމަށް ފަހު އަންނަ މަހުގެ ތެރޭގައި އާ ބޯޓެއް ގެނެސް އުދުހުންތައް ފަށަން ވަނީ ނިންމައިފަ އެވެ.
ކޯހުގެ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއަށް ފަހު، ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދެމުން، ފުރަތަމަ އަހަރު މަދުވެގެން 80 ދަރިވަރުންނަށް އެ ސްކޫލުގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވިއަން އިން މީގެ ކުރިންވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.