ގދ.ތިނަދޫއިން މީހުން ބޭލި މައްސަލަ ތަހުޤީގުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އޮމްބަޑްސްޕަރސަން އޮފީހުގެ ވަފުދެއް ތިނަދޫއަށް ވަޑައިގަންނަވައިފިއެވެ. 1962 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް އިބްރާޙިމް ނާސިރުގެ ސަރުކާރުން ތިނަދޫއަށް އަރައި، ތިނަދޫގެ ރަށްޔިތުންނަށް ލާއިންސާނީ އަނިޔާކޮށް، މީހުން މަރައި، ތިނަދޫ ރައްޔިތުންގެ ގެއާއި ގެދުރުގައި ހުޅުޖަހައި، ތިނަދޫން މީހުން ބާލައި، ތިނަދޫ މީހުން ދިރިނޫޅޭ ފަޅުރަށަކަށް ބަދަލުކޮށްލި، ލާއިންސާނީ ހާދިސާގެ މައްސަލަ ތަހުޤީގު ކުރުމަށް، ދިވެހިރާއްޖޭގެ އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް ތިނަދޫ ކައުންސިލުން ވަނީ ހުށަހަޅާފައެވެ. އަދި މިމައްސަލަ އެ އަނިޔާ އަމިއްލަޔަށް ތަޙައްމަލު ކުރި ފަރާތްތައް މިއަދުވެސް ދުނިޔޭގައި ތިބުމާއިއެކު، އެފަރާތްތަކުގެ އެހީތެރިކަމާއެކު އެމައްސަލަ އަލުން ބަލައި، ތަހުޤީޤުކޮށް، ރައްޔިތުންނަށް ލިބިގެން ދިޔަ ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ކައުންސިލުން ވަނީ ދިވެހިރާއްޖޭގެ އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުގައި އެދިފައެވެ. ކައުންސިލުން އެދިފައިވާގޮތަށް، ތިނަދޫން މީހުން ބާލައި ލާއިންސާނީ އަނިޔާ ދިން މައްސަލަ ބެލުމަށް އެއޮފީހުގެ ޓީމެއް މިއަދުވަނީ ތިނަދޫއަށް ވަޑައިގެންފައެވެ. މިމައްސަލައިގެ ހެކިބަސް ނެންގެވުމަށާއި، އިތުރު މަޢުލޫމާތު އެއްކުރެއްވުމަށް މިޓީމް ތިނަދޫގައި ކުރިޔަށް އޮތް 5 ދުވަހު ހަރަކާތްތެރިވާނެކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރަށުން ބޭލި ހާދިސާ ތަޖުރިބާ ކުރި މީހުންގެ އިތުރުން ތިނަދޫ ރައްޔިތުންގެ އަތުން ބަޔާން ނެގުމުގެ ކަންތައް ކުރިޔަށް ގެންދެވޭނެއެވެ. އަދި މިހާދިސާއާއި ގުޅޭ އިތުރު މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދެވޭނެއެވެ.

269600753_219829843654640_7928284153091990707_nރަށުން ބޭލި ހާދިސާ ތަހުޤީގުކުރުމަށް ތިނަދުއަށް ވަދައިގެންނެވި އޮމްބަޑްސްޕަރސަން އޮފީހުގެ ވަފުދު / ފޮޓޯ:  ތިނަދޫ ކައުންސިލް އިދާރާ

ތިނަދޫން މީހުން ބޭލި ލާއިންސާނީ ހާދިސާ ތަހައްމަލުކުރި ފަރާތްތައް މިހާރުވެސް ދުނިޔޭގައި ތިބުމާއެކު، މިހާދިސާގެ ތަޙްޤީޤް ކުރިޔަށް ގެންދިޔުމަކީ ކުރެވިދާނެކަމެކެވެ. މިހާދިސާ ތަހައްމަލުކުރި ބައެއް މީހުންގެ ހެކިބަސް ނެގުމުގެ މަސައްކަތް ފެށިފައިވާއިރު ކުރިޔަށް އޮތް ދެއަހަރު ތެރޭ މިކަހަލަ މައްސަލަތައް ނިންމާލެވޭނެ ކަމަށް އޮމްބަޑްސްޕަރސަން އޮފީހުން ވަނީ ވިދާޅުވެފައެވެ.