ސަރުކާރަށް ދިގުމުއްދަތަށް ޚިދުމަތްކުރެއްވި ކަމުގެ ޝަރަފުގެ ބެޖާއި އައްޑަނަ ގދ.ތިނަދޫ ޓޯޓައިސް މުހައްމަދު ހުސައިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. ދިވެހިންގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވުނު ޖަލްސާގައި ދަޢުލަތަށް ދިގުމުއްދަތަށް ޚިދުމަތްކޮށްދެއްވި ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް ހިތްވަރު ދެއްވުމުގެ ގޮތުން ރައީސް ޞާލިޙް ވަނީ 106 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކޮށްދީފައެވެ. މުހައްމަދު ހުސައިންއަކީ 1984 އިން ފެށިގެން ސަރުކާރުގެ ގިނަ މަޤާމްތައް ފުރާފައިވާ ކުޅަދާނަ ބޭފުޅެކެވެ. 1984 ވަނަ އަހަރު މެއި 12 ވަނަ ދުވަހު ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒުގެ ދެނަންބަރު ކަތީބުގެ މަޤާމު ލިބިގެން ދިޔުމަކީ މުހައްމަދު ހުސައިންގެ ކާމިޔާބީގެ އަސްލެވެ. މުހައްމަދު ހުސައިން ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވަނީ ރާއްޖޭގެ ސިއްޚީ ދާއިރާގައެވެ. އެގޮތުން ބަލާލާއިރު އެލައިޑް ހެލްތް ސާރވިސް ޓްރެއިނިންގ ސެންޓަރުން ކޮމިއުނިޓީ ހެލްތު ވަރކަރ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު 1989 ވަނަ އަހަރު ސިއްޚީ ދާއިރާއަށް ވަނުމަށްފަހު އަދިވެސް އެބޭފުޅާ ހުންނެވީ އެދާއިރާގައި ޤައުމަށް ޚިދުމަތް ކުރެއްވުމުގައެވެ. މުހައްމަދު ހުސައިންއަކީ ހުވަދޫއަށް ނިސްބަތްވާ ފިސާރި ބޭފުޅެކެވެ. ސިއްޚީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ނަމޫނާ ބޭފުޅެކެވެ. މުހައްމަދު ހުސައިންގެ އިތުރުން ހުވަދޫއަށް ނިސްބަތްވާ އިތުރު 6 ބޭފުޅަކަށް ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ އަރުވާފައެވެ. އޭގެތެރޭގައި:

  • ގއ.ކަނޑުހުޅުދޫ ފިނިހިޔާ، މުހައްމަދު ޒާހިރު،
  • ގދ.ފަރެސްމާތޮނޑާ ބަހާރުގެ، ނާސިރާ ހިލްމީ، (ފަރެސް އަވަށް)
  • ގއ.ކޮލަމާފުށީ ކަންމަތީގެ، އެސިސްޓެންޓް ސްޕްރިޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ހުސައިން ހިމެނެއެވެ.

މީގެ އިތުރުން މާލޭ ދަފްތަރުގައި ހިމެނޭ ވ.ނަދާ މަރްޔަމް ޝަރީފާ، ހ.ވެހެލި އަލީ ހިލްމީ، އަދި ވ.ދައުރު މުހައްމަދު އަހުމަދު ދީދީ ހިމެނެއެވެ. މިތިންބޭފުޅުންނަކީވެސް ގދ.ތިނަދޫއަށް ނިސްބަތްވާ ބޭފުޅުންނެވެ. މިއީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ދިގު މުއްދަތަށް ޚިދުމަތް ކުރަމުންދާ އަދި ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ކޮންމެ އަހަރަކުވެސް ދޭން ނިންމާފައިވާ އިނާމެކެވެ. ދެބަޔަކަށް ބަހާލައިގެން ދެވޭ މިއިނާމު ރޭ ބޭއްވުނު ޖަލްސާގައި ޖުމްލަ 117 ބޭފުޅަކަށް ވަނީ އަރުވާފައެވެ.