އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ހުޅުދޫ އާއި މީދޫ ވަކިކުރުމަށް އެދި، “އަފިރިންގެ ކައުންސިލް އަފިންނަށް”ގެ ނަމުގައި ހަރަކާތެއް ވަނީ ހިންގަން ފަށާފައެވެ.
މިހަރަކާތުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލުން ވަކިވާން އެދި، މީދޫގެ ބައެއް ރައްޔިތުން އިސްނަގައިގެން ޕެޓިޝަނެއް ތައްޔާރުކޮށް އެޕެޓިޝަނުގައި ރައްޔިތުން ސޮއިކުރުުގެ މަސައްކަތް ވަނީ އިއްޔެ ފަށާފައެވެ. މިޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތުގައި، މީދޫގެ ގިނަ ރައްޔިތުންތަކެއްގެ ސޮއި ހޯދުމަށް އިސްކޮށް މަސައްކަތް ކުރަމުން އަންނަ ޓީމުން ދަނީ ކުރަމުންނެވެ.
ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން މީޑިއާއަށް މަޢުލޫމާތު ދޭގޮތުގައި، ލަފާކުރެވޭގޮތުން، މެޖޯރިޓީ ރައްޔިތުންގެ ސޮއި އެޕެޓިޝަނަށް ލިބިގެންދާނެއެވެ. އަދި މިފަދަ މަސައްކަތެއް ކުރަން ފަށަންޖެހުނީ، ސިޓީ ކައުންސިލްގެ ދަށުގައި އޮވެގެން ބާކީވުން ނޫންކަމެއް ނުވާތީ ކަމުގައި އެފަރާތްތަކުން ފާހަގަކުރެއެވެ.
ރައްޔިތުން އެދޭނަމަ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ވަރަށްފަހުން ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އަދި މީދޫއާ މެދު ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތުތަކެއް، މީގެ ކުރިންވެސް ހުޅުދޫ އަދި މީދޫ، މިދެ އަވަށުގެ ރައްޔިތުން ވަނީ ކުރިމަތިކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.