އެމްޕީއެލްގެ މުވައްޒަފަކު މާލެ މަގުމަތިން ދިޔަ އަންހެނަކަށް ފުރައްސާރަކުރި މައްސލައެއް ފެންމަތިވެއްޖެއެވެ.
އެމްޕީއެލްއިން ހާމަކުރިގޮތުގައި އެކުންފުނީގެ މުވައްޒަފަކު އުތުރު ވިޔަފާރި ބަނދަރު ސަރަހައްދުގައި މަގުމަތިން ދިޔަ އަންހެނަކަށް ފުރައްސާރަ ކުރި މައްސަލައެއް އެކުންފުނިން ދަނީ ބަލަމުންނެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި މަގުމަތިންދާ އަންހެނަކު ހުއްޓުވައި، އޭނާގެ އަތުގައި ހިފަހައްޓައިގެން އެމްޕީއެލް މުވައްޒަފު ހުއްޓެވެ. އެފޮޓޯއިން ފެންނަގޮތުގައި އެފިރިހެންމީހާ ދިޔައީ އަންހެންމީހާއާ ދިމާލަށް އެއްޗެހި ކިޔަމުންދެއެވެ.
ނޫސްވެރިންނަށް ޚާއްސަކޮށްފައިވާ އެމްޕީއެލްގެ ވައިބާ ގްރޫޕްގައި ނޫސްވެރިޔަކު މިފޮޓޯތައް ޚިއްސާކޮށް އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރިއެވެ. ޖަވާބުގައި އެކުންފުނިން ވިދާޅުވީ އެ މައްސަލަ ކުންފުނީގެ ސަމާލު ކަމަށް އައުމުން ކުންފުނިން އެ ކަން ބަލަމުންދާ ކަމަށެވެ.
"މި ކުންފުނިން މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ގަވައިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" މީޑިއާ އޮފިސަރު ފޮނުއްވި މެސެޖްގައިވެއެވެ.
މި މައްސަލައާއި ގުޅޭ ގޮތުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މީޑިޔާއަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ކަން ހިނގައިދިޔަ ސީދާ ގޮތެއް އެމްޕީއެލްގެ މެނޭޖްމަންޓަށް ވެސް އަދި ސާފުވެފައި ނުވާ ކަމަށެވެ. އެކަމަކު ހިއުމަން ރިސޯސަސް (އެޗްއާރު) ގެ ޑީޕާޓްމަންޓް އިން އެ ކަން ވެދިޔަ ގޮތް ހޯދަމުންދާ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.