މާމުނަގަލު ރިސޯޓުގައި ސީޕްލޭން ޖެއްސުމަށް ބޭނުންކުރާ ފޮލޯޓިންގ ޕްލެޓްފޯމެއް ކަނޑައިގެން ގޮސް އޮޔާދާތީ، ކަނޑުދަތުރުކުރާއިރު ސަމާލުވާން އަންގައިފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވި ގޮތުގައި ރ. އަތޮޅުގައި ހިންގާ ރިސޯޓެއްކަމަށްވާ މާމުނަގަލުގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިން ޕްލެޓްފޯމް ކަނޑައިގެން ދިޔަކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ރޭ 19:15 ހާއިރު ކަމަށެވެ.

ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓް ހުންނަވަރުގެ ޕްލެޓްފޯމެއްކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި މި ޕްލެޓްފޯމްގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަ ގޮތެއްގައި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަމީ އިލްތިމާޞްކޮށްފައެވެ.