ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސް އާއި ކޮލަމާފުށީ ކައުންސިލް ގުޅިގެން، ނުގަވާއިދަށް އުޅޭ ބިދޭސީންގެ މައްސަލަ ތަކަށް %100 ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސް ރައީސް ސައްދާމް ޢަލީ ވިދާޅުވީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ގއ ކޮލަމާފުށީ ގައި ތިބި ބިދޭސީ ލޭބަރުން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ޔޫނިއަން އިން ފެށި މަސައްކަތް މިހާރު މި ދަނީ ކާމިޔާބުވަމުން ކަމަށާއި އެ މަސައްކަތް ކުރުމުގައި ކޮލަމާފުށީ ކައުންސިލާއި އެކު ބައްދަލުވުންތައް ފަށައި ކުރިޔަށްދާ ކަމަށެވެ. ސައްދާމް އިތުރަށް ވިދާޅުވީ މި މަސައްކަތަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް ކޮލަމާފުށީ ކައުންސިލްގެ ފަރާތުން ލިބޭ އެއްބާރުލުމާއި މިސްރާބު ހުރި ގޮތުން ކުރިއަށް އޮތް މަދު ދުވަހެއްގެ ތެރޭގައި އެ ރަށަކީ ސައްތައިން ސައްތަ ޤަވާއިދާ އެއްގޮތަށް ބިދޭސީން އުޅޭ ފުރަތަމަ ރަށަށް ހެދިގެން ދާނެ ކަމުގެ ޔަޤީން ކަން އެބައޮތް ކަމަށެވެ.
"ނުޤަވާއިދުން މަސައްކަތް ކުރާ ނުވަތަ އަން ޑޮކިއުމެންޓް ލޭބަރުން ރަށުގައި މަސައްކަތް ކުރުމުން އޭގެ ގެއްލުން ސަރުކާރާއި އެމީހުން ގެންގުޅޭ މީހުންނަށާއި ރަށުގެ އާންމުންނަށް ވެސް ފޯރާ. އެހެންވީމަ މިކަން އެބަ ޖެހޭ ކޮންމެ ޙާލެއްގައި ވެސް ޙައްލުވާން. އަދި މިމަސައްކަތް ކާމިޔާބު މަސައްކަތަކަށް ވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރަން. ސަރުކާރުގެ ފަރާތުން މިހާރުވެސް ލިބެމުންދާ އެއްބާރުލުމަށް ޝުކުރުދަންނަވަން" ސައްދާމް ވިދާޅުވިއެވެ.
ސައްދާމް ވިދާޅުވީ ކޮލަމާފުށީގައި ބިދޭސީންގެ މައްސަލަ ޙައްލު ވެގެންދާއިރު ކައުންސިލުން ކުރަމުން ދާނީ މޮނީޓަރިންގ މަސައްކަތް ކަމަށާއި ބާކީ ހުރި ހުރިހާ މަސައްކަތެއް ކުރުމުގައި އެއްބާރުލުން ދޭނީ ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސް އިން ކަމަށެވެ. މި ކަމާއި ގުޅިގެން ހުވަދޫ ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ވަޙީދު މިރޭ ވިދާޅުވީ ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސް އިން ކައުންސިލާއި ގުޅިގެން ކުރައްވަން އުޅޭ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެކަން ތަންފީޒުކުރުމަށް ކައުންސިލާއެކު 2 ބައްދަލުވުން މިހާރު ވެސް ބާއްވާފައިވާ ކަމަށާއި މި ޖެނުއަރީގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މި ކަމަކީ ސަރުކާރުން އެކަނި ކުރަން އުނދަގޫ ވާނެ ކަމެއް ކަމަށާއި އަޅުގަނޑު މެން މިކަން ކުރާނީ ސަރުކާރުގެ ސިޔާސަތު ތަކަށް ހުރަސް ނޭޅޭ ގޮތަށް ކަމަށެވެ. ރައީސް އިބްރާހިމް ވިދާޅުވީ މިހާރު ވާހަކަ ދެކެވި ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީސް އޮފް މޯލްޑިވްސް އާއި އެކު އެއްބަސް ވެވޭ ގޮތަށް ކަން ހިގައިގަތުމުން ކޮލަމާފުށީ ކައުންސިލަށް ނޭގި އެއްވެސް ބިދޭސީ އަކަށް އަރާ ފައިބާ ނެހެދޭނެ ކަމަށާއި ގަވާއިދާ ޚިލާފަށް އެއްވެސް މީހަކަށް ރަށުގައި ނުއުޅެވޭނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.