ވަގަށް ޑޮލަރު ވިއްކާ ބިދޭސީއަކު ފައިސާ ޖަމާކުރަން ގޮސް ހުއްޓާ ފުލުހުން އެމީހާ ހައްޔަރުކޮށްފިއެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ވިޔަފާރިއަކީ ރާއްޖޭގައިގައިވެސް އާންމުވަމުން އަންނަ ކަމެކެވެ. ރާއްޖޭގައި އުޅޭ ބިދޭސީން، ވަކިން ހާއްސަކޮށް ބަންގްލަދޭޝް މީހުން ވަގު ޑޮލަރުގެ ވިޔަފާރި ފުޅާކުރަމުންދާއިރު މިފަދަ އަމަލުތަކަށް ފިޔަވަޅު އަޅާފައިވަނީ ވަރަށް މަދުންނެވެ.
އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ 28 އަހަރުގެ ބަންގްލަދޭޝް މީހަކު ކަޅުބާޒާރުގައި ޑޮލަރު ވިއްކާފައި ލިބުނު ލާރި ޖަމާކުރަން ހުއްޓާ ފުލުހުންވަނީ އަތުލައިގެންފައެވެ. ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ތުހުމަތުގައި އޭނާއަށް ކްރިމިނަލް ކޯޓުން ބަންދަށް 10 ދުވަސް ވަނީ ދީފައެވެ.
މަނިކް މިއާއަށް ފުލުހުންކުރި ތުހުމަތަށް އޭނާ އިންކާރުކޮށްފައިވާއިރު ފުލުހުން ވިދާޅުވަނީ އޭނާ ހައްޔަރުކުރެވުނީ ވަގު ޑޮލަރު ވިއްކާފަ ލިބުނު ލާރި ޖަމާކުރަން ގޮސް ހުއްޓާ ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ މަނިކް މިއާ އަކީ ވެރިފަރާތަށް ފިލައިގެން އުޅޭ މީހެއް ކަމަށާއި އޭނާ ފޮނުވާލަން އެފަރާތުން އެދިފައިވާ ކަމަށެވެ.
މިހާރަކަށް އައިސް މިވިޔަފާރި ފުޅާވަމުންދާތީ ފުލުހުންވަނީ މިކަންތައް ހުއްޓުވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ފާއިތުވީ އަހަރު ނޮވެމްބަރ މަހު ވަގު ޑޮލަރުގެ ވިޔަފާރީގެ ދެ ބޮޑުން ކަމަށްވާ ބަންގްލަދޭޝްގެ 29 އަހަރުގެ ރޮބީއުﷲ އާއި 31 އަހަރުގެ މުހައްމަދު ފިރުދައުސްއަށް ވަނީ ކޯޓުން 15 ދުވަހުގެ ބަންދަށް މުއްދަތު ޖަހާފައެވެ.
މީގެ އިތުރުން މިދިޔަ ޑިސެމްބަރ މަހު ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ މުހައްމަދު އިގްބާލު ހޮސައިން އާއި ޝޮހެލް ނަމަކަށް ކިޔައި މީހަކު ފުލުހުން ވަނީ ހޯދާފައެވެ. އެމީހުންގެ ފޮޓޯ ފުލުހުން އާންމުކުރިތާ 24 ގަޑިއިރު ނުވަނީސް އެމީހުން ވަނީ އަމިއްލަ އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައެވެ.
ދުވަހަކު ވެސް ރާއްޖެ ނާދެވޭ ގޮތަށް މި ހަތަރު މީހުން ޑާކާއަށް ފޮނުވާލީ މިދިޔަ އަހަރު ޑިސެމްބަރ މަހު 10 ވަނަ ދުވަހުގައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.