އެމްޑީޕީއަކީ ވަގުންގެ ޕާޓީއެއް ކަމަށާއި އެޕާޓީއަށް ކޮލިފައިވާނީ ވަގަކަށްވުމުން ކަމަށް ޕީޕީއެމްގެ މުޝްތަޝާރު ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ. ރޭ ށ.ފޯކައިދޫގައި ބޭއްވުނު ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީއަށް ކޮލިފައިވާނީ ވަގުންނަށް ކަމަށާއި ވަގެއް ނޫން މީހުންނަށް އެމްޑީޕީގައި ނޫޅެވޭނެ ކަމަށެވެ. އެގޮތުން ވައްކަން ކުރުމުން މިސަރުކާރުން ވަޒީރުންގެ މަޖުލީހުގައި ޖާގަ ދެއްވާ ކަމަށާއި ވައްކަން ކުރުމުން ޗެއަރޕާސަން ކަމަށްވެސް ކުރިމަތިލެވޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ނަންގަވާފައިވާ ކަމަށް ޖަމީލް ވަނީ ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން މަޙްލޫފުގެ މައްސަލަ އާއި، ކޮވިޑް ތެރޭގައި ހިންގިހާ ކޮރަޕްޝަންތަކާއި ނޭވާހޮޅިންކުރި ވައްކަމުގެ މައްސަލައާއި، އައިލޭންޑް އޭވިއޭޝަން މޯލްޑިވިއަން ފަދަ ކުންފުނި ތަކުގެ ވައްކަމުގެ މައްސަލަތައް ކޮބައިތޯ ޖަމީލް ސުވާލު ކުރެއްވިއެވެ. ޖަމީލް އިތުރަށް ވިދާޅުވީ ޔޫތު މިނިސްޓަރ މަހުލޫފްގެ ޝަރީއަތް ކުރިޔަށް ދާއިރުވެސް މަހުލޫފް ވަޒީރު ކަމުގައި ހުންނަވައިގެން ރިބަން ކަނޑަމުންދާއިރު ރައީސް ސޯލިހުއަށް ހުތުރުނުވާ ކަމަށެވެ. އަދި ޒީރޯ ޓޮލެރެންސް ވެސް ދުނިޔެއިން ބޭރަށް ފޮނުވާލާފައި ވާކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ކޯޓުތައް މިއަދު އެމްޑީޕީ ދެކެ ބިރުގަންނަކަން ފާހަނގަކުރަމުން ޖަމީލް ވިދާޅުވީ ކޯޓުތަކުގައި ތަޅުއަޅުވާ ފަނޑިޔާރުން ވަގަށް ނަގަމުން ދަނީވެސް އެމްޑީޕީން ކަމަށެވެ. އަދި ރައީސް ޔާމީންއަށް ހުކުމް ކުރަންވެގެން ޖޭއެސްސީ އިސްލާހުނުކޮށް އެމްޑީޕީން ކުޅެމުންދަނީ ޑްރާމާއެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ޖޭއެސްސީ އިޞްލާޙް ނުކޮށް އެއުޅެނީ ރައީސް ޔާމީންގެ މައްޗަށް ޙުކުމެއް ޖަހަންވެގެން. ރައީސް ނަޝީދު އިނީ ޝަރުޢީ ދާއިރާގެ އެންމެ މަތީ އިށީދެ އަތް އަޅައިގެން. ޝަރުޢީ ދާއިރާ ވަނީ ކަފުން ކޮށްފައި، ބާކީ އޮތީ މޫނު އެޅުން" ޑރ. ޖަމީލް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޖަމީލް ފާހަނގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖުލީހުގައި ޤުރުއާނުގެ އާޔަތެއް ކިޔެވުމުން މަޖިލީހުގެ ރައީސަށް އުނދަގޫ ވާކަމަށާއި ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ހުރުމުން މަޖިލީސް މެންބަރުންނަށް އުނދަގޫވެއެވެ. އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީއަށް ގެނެވުނު ހެޔޮ ބަދަލެއް ފެނިފައިނެތް ކަމަށާއި ރާއްޖޭގައި އަނދިރި ކަމާއި ނާމާންކަމާއި ޖާހިލުކަން ފެތުރުން ނޫން ކަމެއް ފެނިފައި ނުވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.