ކޮމަންޑޫ ދާއިރާއަށް ނުކުރެވޭ ވަރުގެ ބޮޑެތި ވައުދުތައްވެ، ސަރުކާރު މިހާރު ގޮތް ހުސްވެއްޖެ ކަމަށާއި، ސަރުކާރަށް އިތުރު ގޮތެއް ނެތް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ ބައި-އިލެކްޝަންގެ ޕީޕީއެމް ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ޓީމުން ށ. ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ގެންނެވި މަހާޖައްރާފުން ދެކޮމަންޑޫ ދޭތެރެ ގުޅުމަށް މަސައްކަތް ކުރަނީ އެކަމަކީ ރައީސް ޔާމީން އަޅުއްވާދެއްވާފައިވާ ބިންގަލެއް ކަމަށެވެ.

ރައީސް ޔާމީން އުފެއްދި ތަކެތިން މިދެންނެވި މިމަސައްކަތް ކުރަމުން މިދަނީ. އެހެންވެ މިބުނަނީ ރައީސް ޔާމީނަކީ ސްމާޓް ބޭފުޅެކޭ- ޝަރީފް

އެޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ބެނުންވާ ގޮތަށް ނުހިންގާ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ނޫން ކަމަށާއި، މިސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ނޫން ކަމަށެވެ.

އެންމެ ބާރުގަދަ ބަޔަކީ ރައްޔިތުން. ސަރުކާރެއް ނޫން. ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ހިންގަން ޖެހޭނީ. ރައްޔިތުން ބޭނުން ގޮތަކަށް ނުހިންގާ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ނޫން. މިއަދު މިއޮތް ސަރުކާރަކީ ރައްޔިތުންނާ ދެކޮޅު ސަރުކާރެއް. - ޝަރީފް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އާ ގުޅުވައިގެން ސަރުކާރުން މިހާރު އެ ދާއިރާގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުންދާތީ އެކަމާ އިދިކޮޅު ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނާ ގޮތުގައި ކެމްޕެއިން ނިމުމުން އެމަސައްކަތްތައް ހުއްޓާލާނެ ކަމަށާއި، ކޮމަންޑޫ ދާއިރާ ސަރުކާރަށް ފެނުނީ ބައި-އިލެކްޝަންގެ ސަބަބުން ކަމަށެވެ.