އައިޖީއެމްއެޗުގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން އަދި އޭނަގެ ލޯބިވެރިޔާ ލަމްހާއަށް ދޫކޮށްފައިވާ ނަރުސްކަމުގެ ހުއްދަ ބާތިލްކޮށްފިއެވެ.
މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ މީހުންގެ މައްޗަށް ވެސް ޖިނާއީ ދައުވާއެއް އުފުލާފައިވާ ކަމަށާއި އެހެންކަމުން ނަރުހެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ އަދި ރަޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށެވެ.
މޭރީގެ މަރުގެ މައްސަލައިގައި މާވިން އަދި ލަމްހާގެ މައްޗަށް ދައުލަތުންވަނީ ދައުވާ އުފުލާފައެވެ. އެގޮތުން މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.