ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އއ. އުކުޅަހަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އެރަށުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން ބަނދަރު ސަރަޙައްދުން ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައިވާއިރު، އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ޖަމާވެފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ސިޑްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (އެސް.އޭ.އައި) ސިމްޕޯސިއަމް ނިންމުމުގެ ރަސްމިއްޔާތާއި، އައި.ޑީ.އައި ގްލޯބަލް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމެވެ. މި ދެ ހަރަކާތަކީވެސް ބައިނަލްއަޤުވާމީ ފެންވަރުގައި އުކުޅަހުގައި ކުރިއަށްދާ މުހިންމު ބައްދަލުވުންތަކެކެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ސަރުކާރުން އުކުޅަހުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވާނެއެވެ. އަދި ބައެއް އައު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.