ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ، ދިރޭ ޖަނަވާރުންގެ އިތުރުން އިންސާނުންވެސް ނައްތާލި ސަރުކާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ، ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަގުވާމީ ވިޔަފާރި ކުރުމާ ގުޅޭ ބިލެވެ. މިބިލުގެ ބަހުސް މިއަދު ކުރިއަށް ދިޔައިރު އިއްޔެ ވަނީ ރާއްޖެއަށް އެތެރެކުރި ދޫނިތަކެއް މަރާލި މައްސަލައެއް ފެންމަތިވެފައެވެ. މިބިލަށް ބަހުސް ކުރެއްވުމަށް ލިބުނު ފުރުސަތުގައި ވާހަަކަ ދައްކަވަމުން މެމްބަރު ޔައުގޫބް ވިދާޅުވީ، މިސަރުކާރުގައިވެސް ދޫނިތަކާމެދު އިހާނެރި އަމަލެއް ކުރި މަންޒަރު ފެނިގެން ދިއުމަކީ އޭނާ ނުހަނު ކަންބޮޑުވެވަޑައިގަތް ކަމެއް ކަމަށާއި، ނަމަވެސް މީގެ އަޑުގަދަވާ ސަބަބަކީ މިސަރުކާރުން އެކަމުގައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދިވެހިންނަށް އޮތުން ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެފަދަ ގިނަ އަމަލުތަކެއް ފެނިގެން ދިޔަ ކަމަށްވެސް ޔައުގޫބު ވަނީ ވިދާޅުވެފައެވެ. އޭރު ދިރޭ ދޫނިތަކުގެ ވާހަކައިގެ އަޑު ގަދަނުވި ސަބަބަކީ އިންސާނުންގެ ހާލަތުވެސް ދަށްވުމުން ކަމަށާއި، އޭރު ހިނގާފައިވާ ބައެއް މަރުތަކަށް އިޝާރަތް ކުރައްވައި އެއީ "އިންސާނުން ނައްތާލި" ސަރުކާރެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.