ތ. ތިމަރަފުށީ އެއަރޕޯޓުގެ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އާރްޑީސީއިން މިއަދު ވިދާޅުވީ، ތ. ތިމަރަފުށީ އެއަރޕޯޓުގެ ސައިޑްވޯކްގެ 65 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެއަރޕޯޓުގެ މަގާއި ޖެޓީ ސަރަހައްދު ގުޅޭ ހިސާބުގައި ޕައިޕްލައިން އެޅުމުގެ މަސައްކަތް ކަމަށެވެ.

https://twitter.com/rdcmaldives/status/1491260244378497030

މިމަސައްކަތަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 75.7 މިލިއަން ރުފިޔާއަށެވެ.

މިމަސައްކަތުގެ ދަށުން އަލަށް ހަދާ މަގުތަކުގެ ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރުތައް ހެދުމާއި މަގުމަތީގައި ބޭނުންކުރާ ސައިން ތައް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ޒިބްރާ ކްރޮސިން ހެދުން ހިމެނެއެވެ. މިމަޝްރޫއުގެ ދަށުން ޖުމްލަ 7 މަގެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. އެއީ 4.01 ކިލޯމީޓަރުގެ ދިގުމިނެވެ.