ދިވެހި ފިލްމީ ތަރިން ކަމުގައިވާ، އައިޝަތު ރިޝްމީއާއި ރަވީ ފާރޫގް ވަރިވެއްޖެއެވެ. ރިޝްމީއާއި ނެށުންތެރިޔާ ރަވީ ކައިވެނިކުރީ މާރިޗް 25 2019 ގައެވެ. އެދެމީހުން ވަރިވެފައިވާކަން ހާމަކޮށްފައިވަނީ ރިޝްމީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ރިޝްމީ ބުނެފައިވަނީ، އެހެން ގުޅުންތަކެކޭ އެއްގޮތަށް އެދެމީހުން އެކުގައި ހޭދަކުރި ދުވަސްތަކަކީ އަޑިގަނޑުތަކާއި އުސްގަނޑުތައް ގިރާކުރަން ޖެހުނު ނަމަވެސް، އުފާވެރި ދަތުރެއް ކަމަށެވެ. އަދި އެމުއްދަތުގައި އެދެމީހުންގެ ފުރާނައަށް ނުރައްކާވި ދެ ހާދިސާއާ ކުރިމަތިވި ނަމަވެސް، އެކަމުންވެސް އަރައިގަތީ ދެމީހުން އެކުގައި ކަމަށެވެ. ނަމަވެސް މިދިޔަ ދެއަހަރުގެ ތެރޭގައި އެތައް ކަމަކާ ކުރިމަތިވެ، އެހެން މީހުންނެކޭވެސް އެއްގޮތަށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރަވީއާ ދެމީހުންނަށް ބޮޑެތި ބަދަލުތަކެއް އައިސް އެމީހުންގެ ހިޔާލާއި އިސްކަންދޭ ކަންކަމަށް ބަދަލު އައުމާއި ގުޅިގެން، ދެމީހުންނަށް އެކުގައި އުޅެވެން ނެތުމުން، ދެމީހުންނަށްވެސް ރަނގަޅު ގޮތަކީ ވަކިވުން ކަމަށް ފެންނާތީ ވަރިވާން ނިންމީ ކަމަށެވެ.

ރިޝްމީ ވަނީ އެ މީހުންގެ މި ނިންމުމަށް އެންމެން އިހްތިރާމްކޮށް އެ ބަދަލާ އެކު ކުރިއަށް ދިއުމުގައި އެހީތެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.