އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ،

މިތަކެތި ނައްތާލާފައިވަނީ މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގައެވެ.

އެގޮތުން، ނައްތާލާފައިވަނީ ހަތަރު އިންސިޑެންޓެއްގައި ހިމެނޭ 149 ފުޅި ބަނގުރައާއި 25 ދަޅު ބިޔަރު ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. މި ތަކެއްޗަކީ 2021 އެޕްރީލް 1 އިން މި އަހަރުގެ ޖަނަވަރީ 24 އަށް ކާޑެއްދޫ އެއާޕޯޓު އަދި މާވާރުލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.