ޑްރަގް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތާ ގުޅިގެން ފުލުހުންނަށް އުނދަގޫކޮށް އިންޒާރުދީ ފުލުހުންގެ ވެހިކަލްތަކުގައި ހުޅުޖެހިޔަސް މަސްތުވާތަކެތި ހުއްޓުވުމަށް ކުރާ މަސައްކަތް ފުލުހުން ހުއްޓާނުލާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވެފައިވަނީ، ނ މިލަދޫގައި ޑްރަގްގެ ވިޔަފާރުކުރާ މީހަކު އެރަށު ޕޮލިސް ޑެސްކްގެ އިންޗާޖް، ސާޖަންޓް މުހައްމަދު އަރީޝް ހުއްޓުވުމުން، ރޭގެ ވަގުތެއްގައި އޭނާގެ ސައިކަލްގައި ރޯކޮށްލި ހާދިސާއަ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

https://twitter.com/M_Hameedh/status/1494629521407889410 އެގޮތުން ސީޕީ ވިދާޅުވީ، މިލަދޫގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސާޖަންޓް އަރީޝް ކުރެއްވި މަސައްކަތާ މެދު ފަޚުރުވެރިވާ ކަމަށާއި، އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ހައްޔަރުކޮށް މަސްތުވާތަކެތި ހުއްޓުވުމަށް ކުރި މަސައްކަތާ ގުޅިގެން އޭނާގެ ސައިކަލްގައި ހުޅުޖަހާފައިވާ ކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރުމަށް ސީނިއަރ އިންވެސްޓިގޭޓަރެއް އަޅުގަނޑުމެން ފޮނުވާނަން. އެކަން ކުރި މީހުން ހައްޔަރުކުރުމަށް ފުލުހުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުން. މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި، އަޅުގަނޑުމެންގެ އޮފިސަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. - ސީޕީ ހަމީދު ވިދާޅުވިއެވެ.

ހަމީދު މިހެން ވިދާޅުވެފައިވާއިރު، މީސްމީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ދެމީހަކު އެގޭގެ ގޯތިތެރެއަށް ރޭ ދަންވަރު 3:37 އެހާކަންހާއިރު ވަދެ، ޕާކު ކޮށްފައި ހުރި ސައިކަލަކަށް ޕެޓްރޯލް ފަދަ އެއްޗެއް އަޅާ މަންޒަރު ފެނެއެވެ. އެކަކު ޕެޓްރޯލް އަޅައި ދުރަށްދިއުމާއެކު ދެންހުރި މީހާ ވަނީ އެސައިކަލުގައި ހުޅުޖަހާ ރޯކޮށްލުމަށްފަހު އެތަނުން ގޮސްފައެވެ.