ނ. މިލަދޫ ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޭގެ ވަގުތެއްގައި ރޯކޮށްލި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، ސައިކަލުގައި ރޯކޮށްލި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި 22 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެއް ހިމެނެއެވެ. މި ތިން މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ. މިމައްސަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށާއި، ފުލުހުން އެންމެ އިސްކަމެއް ދެއްވައިގެން ކުރާ މަސައްކަތް ކަމަށްވާ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، ރޭގެ ވަގުތެއްގައި ރޯކޮށްލާފައިވަނީ މިލަދޫ ފުލުހުންގެ ޑެސްކުގެ އިންޗާޖު ސާޖަންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ކަމަށާއި، އެކަން ކޮށްފައިވަނީ އެރަށުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހުއްޓުވުމަށް މަސައްކަތް ކުރުމުން އިންޒާރު ދިނުމަށްފަހުގައި ކަމަށެވެ. އަދި މިލަދޫ އަކީ، އަމާން ތަނަކަށް ހެދުމަށް ސާޖަންޓް އަރީޝް ކޮށްފައިވާ މަސައްކަތަށް ފަޚުރުވެރިވާ ކަމަށާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް އެއްވެސް ބަޔަކަށް ހުއްޓުވާ ނުލެވޭނެ ކަމަށެވެ.