މީގެ ދެހަފްތާ ކުރިން ވަޅުގަނޑަކަށް ވެއްޓި މަރުވެފައިވާ އުމުރުން ފަސް އަހަރުގެ ރަޔާން ގެންގުޅުނު ކުއްތާ އޭނަގެ މަހާނަ ކައިރިން ދުރަށް ނުދިޔައެވެ.
ރިޕޯޓްތައް ބުނާގޮތުން ރަޔާންގެ ޖަނާޒާ ބޭއްވި ދުވަހުން ފެށިގެން ކަޅުކުލައިގެ ކުއްތާއެއް މެދުނުކެނޑި ރަޔާންގެ މަހާނަ ކައިރީގައި އޮވެއެވެ. މިކުއްތާއަކީ ރަޔާން ދުނިޔޭގައި ހުރިއިރު ވަރަށް ލޯބިން ކާންދީ ގެންގުޅުނު ކުއްތާއެއް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ކުޅެން އުޅުމުގެ ތެރޭގައި އުމުރުން 5 އަހަރުގެ ރަޔާން ވަނީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ދިގުމިނުގައި 33 ފޫޓް ފުޅާމިނުގައި 9 އިންޗް ހުރި ފުންވަޅުގަނޑެއްގެ ތެރޭގައި ފަސްދުވަސް ވަންދެން ރަޔާން ތާށިވެފައި ހުއްޓެވެ. މޮރޮކޯގެ ސަރުކާރުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ދަށުން ވަޅުގަނޑުން ރަޔާން ނެގިއިރު ރަޔާން އޮތީ މަރުވެފައެވެ.
އެދުވަހު ރަޔާންގެ ޖަނާޒާގައި އެކުއްތާވެސް ވަނީ ބައިވެރިވެ ރަޔާންއަށް ވަދާއީ ސަލާންކޮށްފައެވެ. ރަޔާން އަކީ ދިރޭ ތަކެއްޗަށް ވަރަށް ލޯބިކުރި ކުއްޖެއްކަމަށް އެސަރަހައްދުގެ އާންމުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ފޮޓޯ: ރަޔާން އާއި އޭނަ ގެންގުޅުނު ކުއްތާ
މަންޒަރުދުށް މީހުން ބުނިގޮތުގައި ރަޔާންގެ ސަންދޯއް ކައިރީގައި އޮވެ އެކުއްތާ ރޮއި ހެދިއެވެ. ރަޔާން މިދުނިޔެއާއި ވަކިވެ ދިޔަ ހިތާމައިގައި މުޅި ދުނިޔޭގެ އިތުރުން މިކުއްތާ ދަނީ އަދިވެސް ހިތާމަ ފާޅުކުރަމުންނެވެ. ޖަނަވާރުންނަކީ އެއެއްޗެހި ގެންގުޅޭ ވެރިމީހާއަށް ވަފާތެރި ކިޔަމަންތެރި ބައެއްކަން މިކުއްތާ ވަނީ ނަމޫނާ ދައްކާފައެވެ. މިފަދަ މަންޒަރުތައް އަހަރެމެންނަށް ފެނިގެންދަނީ ފިލްމުތަކުންނެވެ. އެއީ ތެދު ހަޤީގަތެއްކަން ޤަބޫލުކުރަން އޭރު ދަތިވިޔަސް މިކުއްތާ ދައްކާލި ނަމޫނާއިން ފެނިގެންދަނީ ރަޔާންއަށްޓަކައި އޭތީގެ ހިތުގައިވާ ލޯތްބެވެ. ކިޔަމަންތެރިކަމެވެ. ރަޔާންގެ މަހާނަ ކައިރީ އޮވެ ކުއްތާ ރޮއެ ހިތާމަކުރަމުންދާ މަންޒަރަކީ ފެންނަ ކޮންމެ މީހަކަށްވެސް ޖަޒުބާތީ މަންޒަރެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.