1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރޫޓް ފިހާރައިގެ ފައިސާ ފޭރެން އުޅުނު މީހުން 2 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

root
ސާއި ޢަލީ
532ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އަމިއްލަ ވިޔަފާރިއެއްކަމަށްވާ ރޫޓް ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު މައްސަލާގައި 4 މީހަކު 2 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.

ރޫޓް ފިހާރައިން ޖަމާކުރަން ގެންދިޔަ ފައިސާ ފޭރިގަންނަށް މަސައްކަތްކޮށްފައިވަނީ އެ ފައިސާތައް ހިފައިގެން ދިޔަ ވޭން ބޭންކަށް ގޮސް މަޑުކުރި ވަގުތުއެވެ. މި މައްސަލާގައި ހައްޔަރުކުރި ފަސްމީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް ދައުވާކުރަނީ ފައިސާ ގެންދިޔަ ފަރާތްތަކަށް ޖަމާއަތް ހަދައިގެން ބިރުދެއްކުމަށްފަހު އެ ފައިސާތައް އަޅާފައިހުރި ފޮށިގަނޑު ފޭރެން އުޅުނު ކުށުގައެވެ. މި ހަތަރު މީހުންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ދައުވާއެވެ.

ފޭރުމުގެ ދައުވާ އުފުލާފައިވާ މީހުން:

300 × 250

* ލ. ގަން. ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދު * ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު * ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ޙުސައިން ޢަބްދުލްމަޖީދު * ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރު

ދައުލަތުން މިމައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މި މައްސަލާގައި ހިމެނޭ ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި ހިމެނޭ 4 މީހުންވެސް ވަނީ ކުށަށް އިއުތުރާފުވެފައެވެ. ކޯޓުން އިއްވި ހުކުމުގައި ވަނީ މި ހަތަރު މީހުން ކުށަށް އިއުތުރާފުވެފައިވުމުން މި ހަތަރު މީހުންގެ މައްޗަށް ކުރާ ދައުވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީމި ހަތަރު މީހުން 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާކަމަށެވެ.

މިމީހުންގެ ބަންދުގައި ތިބޭތާ ދުވަސްތަކެއްވެފައިވުމުން މި ހަތަރު މީހުންގެ ތެރެއިން އަބްދުﷲ ރާޝިދުއާއި މުހައްމަދު މުސްތަބު ޒުބައިރު ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ 1 އަހަރާއި 1 މަހާއި 1 ދުވަހުއެވެ. ހުސައިން އަބްދުލްމަޖީދު ޖަލުގައި ތަންފީޒު ކުރަންޖެހޭނީ، 1 އަހަރާއި 1 މަސްދުވަހެވެ. އަދި އަހްމަދު އަމީރު ޖަލުގައި ތަންފީޒު ކުރަން ޖެހެނީ 1 އަހަރާއި 29 ދުވަހެވެ.

މި 5 މީހުން ބައިވެރިވެެގެން ފައިސާތައް ފޭރިގަންނަން މަސައްކަތްކޮށްފައިވަނީ އެ ފައިސާތައް ބޭންކަށް ޖަމާކުރުމަށް ވެހިކަލް ދިޔައިރު އޭގެ ފަހަތުން ގޮސް އެ ވެހިކަލް މަޑުކުރުމުންނެވެ. ނަމަވެސް އެ މީހުން އެ ފައިސާ ފޭރެން ކުރި މަސައްކަތް ބޭންކް އޮފް ސިލޯންގައި ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑްވަނީ ނާކާމިޔާބުކޮށްލާފައެވެ.

މި ފައިސާތައް ފޭރިގަންނަން މަސައްކަތްކުރި މީހުން އެކަން ނާކާމިޔާބުވުމުން ވަނީ ފިލާފައެވެ. ފުލުހުން މި މީހުން ހޯދާ ހައްޔަރުކުރީ އޭގެ ތިން ދުވަސް ފަހުންނެވެ. މިމައްސަލައިގަ ޝާމިލުވާ މީހުންނަކީ ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފޭރުން ނާކާމިޔާބުކޮށްލި ސެކިއުރިޓީ ގާޑަށް ރޫޓް ފިހާރައިގެ ފަރާތުން ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި