ގދ ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށް ހެލްސތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. އަދި މިހާރު ހޮސްޕިޓަލް ޑިޒައިން ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އަދި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މިއަހަރުގެ 2 ވަނަ ކުއަރޓާގައި ޓެންޑަރަށް ހުޅުވާލާނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. ތިނަދޫގައި މިހާރު ހުރި އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މިމަސައްކަތުގެ ދަށުން އޯޕީޑީގެ ޖާގަ ބޮޑު ކުރުމާއި 2 ލޭބަރ ރޫމް އިތުރުކުރުމާއި 4 ޕްރައިވެޓް ރޫމް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަސައްކަތަށް 33 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން އަންހެނުންގެ ބަލިތަކާ، ކުޑަކުދިންގެ ޚާއްސަ ބަލިތަކާ، ކަށީގެ ބަލިތަކާ، ހަމުގެ ބަލިތަކާ، ކަރުންމަތީގެ ބަލިތައް އަދި ދަތުގެ ފަރުވާވެސް އެ ހޮސްޕިޓަލުން ލިބެއެވެ. މީގެއިތުރަށް އެކްސްރޭއާއި އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ ޚިދުމަތްވެސް ލިބެއެވެ.