ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ، ދެ ދާއިރާއެއްގެ އިންތިޚާބު ފަސްކޮށްފިއެވެ. އިންތިހާބު ފަސްކުރި ދެ ދާއިރާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން 2022 ފެބުރުވަރީ 24 ވަނަ ދުވަހު 09.00 ފެށިގެން 11.00ގެ ނިޔަލަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި ކުރިއަށް ދާނެއެވެ. މި ކައުންސިލަށް އިންތިޚާބުކުރާ ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު، އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރު މިހާރު ވަނީ އިންތިޚާބު ވެފައެވެ. މިދާއިރާތަކަށް އިންތިޚާބުވެފައިވާ ފަރާތްތައް ވަރަށް އަވަހަށް މިނިސްޓްރީން އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކޮށްފައިވަނީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ ފަރާތްތަކަށް އިންތިޚާބުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާގޮތުން ވޯޓުލުމުގައި އެންމެ ފުރިހަމައަށް ބައިވެރިވުގެ ފުރުޞަތު ލިބިގެންނުދާކަމުގެ ޝަކުވާތައް ލިބެމުންދާތީއެވެ.
މިކަންކަމަށް ރިއާޔަތްކުރުމަށްފަހު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދާތީވެ، ވޯޓުލުމުގެ ޙައްޤު ލިބޭ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށް. އެ ދާއިރާތަކުގެ އިންތިޚާބު އަލުން ބޭއްވުމަށް އަދި ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވޭ - ޖެންޑާ މިނިސްޓްރީއިން ވިދާޅުވިއެވެ.
މިއިންތިހާބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.