ދުނިޔޭގެ އެކި ގައުމުތަކުގެ ބޭންކުތަކުންނާއި ކާޑު ނެޓްވޯކުތަކުން ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ފިޔަވަޅުތަކާ ގުޅިގެން ބޭބްކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތައް ވެސް އެ ގައުމުގައި ބޭނުން ނުކުރެވޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ ރަޝިއާ އިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ޕޭމަންޓް ސިސްޓަމަށްވެސް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެ ގައުމުތަކުން އަޅަމުންދާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮަތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ކާޑު ނެޓްވޯކު ތަކުންވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުންނާއި، ރެގިއުލޭޓްކުރާ އިދާރާތަކާއި، ބޭންކުތަކާއި ސްވިފްޓްގެ އިތުރުން ކާޑު ނެޓްވޯކުތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގެ އިތުރުން ފިޔަވަޅު އަޅާފައިވާ އެހެނިހެން ސަރަހައްދުތަކުގައި ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުތައް ކަސްޓަމަރުންނަށް ބޭނުން ނުކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން މިފަދަ ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުގެ މަރޗަންޓުންނަށް ފައިސާ ނުލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ. ކާޑުގެ މުއާމަލާތްތަކާއި މަރޗަންޓް ހިދުމަތްތަކުގެ އިތުރުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބޭރުން ފައިސާ ގެނައުމުގެ ހިދުމަތަށްވެސް މި ފިޔަވަޅުތަކާއެކު ވަނީ އަސަރުކޮށްފައެވެ.

މިގޮތުން ރަޝިއާގެ ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސަރަހައްދުގެ ބޭންކުތަކަށް ޓީޓީ ފޮނުވުމުގައި ވެސް އިތުރު ވަގުތު ހޭދަވުން ނުވަތަ ޓީޓީ ނުފޮނުވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.