އިންޑީޔާގެ މަގުމަތީގައި ބަދަން ވިއްކަން އުޅުނު ބުބަން ބަޑޭކަރަށް މަޝްހޫރުކަން ލިބި މާބޮޑަށް ފޮނި ވެވުނީތީ އެކަމާ ބުބަން މާފަށް އެދިއްޖެއެވެ.
ޓިކްޓޮކްގައި މަޝްހޫރުވެގެންދިޔަ "ކައްޗާ ބަދާމް" ލަވައިން ގިނަބަޔަކަށް ބުބަން އެގި އޭނާ ސެލެބްރިޓީއަކަށް ވުމުން މާބޮޑަށް ފޮނިވެވި ދެން ބަދަން ވިއްކަން މަގުމަތީގައި ނޫޅޭނެކަމަށް ބުބަން ވަނީ މީޑިޔާތަކުގައި ބުނެފައެވެ. މިގޮތަށް ބުބަން އިންޓަވިއު ދެމުންދާތީ ގިނަ ބަޔަކު ދަނީ އޭނައަށް ފާޑުކިޔަމުންނެވެ. މާބޮޑަށް ފޮނިވާން ހަދައިގެން ފަހުން ދެރަވާނެ ކަމަށް ބުނެ ގިނަ ބަޔަކު އޭނައަށް މަލާމާތް ކުރަން ފެށުމުން ބުބަން ވަނީ އެކަމާ މާފަށް އެދިފައެވެ.
ބުބަން ބުނާގޮތުގައި އޭނާ ބުނީ މަޝްހޫރުވީ އެހެން މީހުންގެ ސަބަބުން ކަން އެނގޭ ކަމަށާއި އެ ކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ހާލަތު ނިޔާކުރާ ގޮތުން އަނެއްކާވެސް ބަދަން ވިއްކަން ނުކުންނަން ޖެހިދާނެ ކަމަށް ބުބަން ވަނީ ބުނެފައެވެ.
އުމުރުން 50 އަހަރުގެ ބުބަން ބަދަން ވިއްކުމުގައި އުޅުނުއިރު އޭނާ ކިޔާފައިވާ ލަވަ "ކައްޗާ ބަދާމް" ލަވައިން އޭނާއަށް މަޝްހޫރުކަން ލިބި އޭނާއަށް ދަނީ އިތުރު ފުރުސަތުތައް ފަހިވަމުންނެވެ. އާއިލާގެ 10 މެމްބަރުން ބަލަހައްޓަނީ ބުބަންއެވެ.
ބުބަންގެ ލަވަ މިއުޒިކް އުފައްދާ ކުންފުންޏަކުން ގަނެފައިވާއިރު އެއިން އެކަނި ވެސް 1.5 ލައްކަ ރުޕީސް ލިބުނެވެ. ބެންގޯލްގެ އާޓިސްޓުންތަކެއް ވަނީ އޭނާއާ އެކު އެ ލަވައިގެ ރިމިކްސް ވީޑިއޯއެއް ވެސް ހަދައިފަ އެވެ. އެ ލަވަ އަށް ވަނީ ޔޫޓިއުބްގައި 53 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.