ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓު އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.
ދެކުނުގެ ރަށްރަށަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ސަރަހައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅުތައް ހުންނާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެއެވެ. ޚާއްސަކޮށް ހުކުރު ދުވަހު ވަރަށް ބޮޑަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ހޮނިހިރު ދުވަހުވެސް ދެމިއޮތުމަށްފަހު، ވިއްސާރަކޮށް އުޅޭނެ ކަމަށް މެޓުން ހާމަކުރައްވާފައިވެއެވެ.
އުޅަނދުތަކުގައި ސަމާލަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށާއި އުޅަނދަށް ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މިއަދުވެސް ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި އައްސޭރިފަށުގެ ރަށްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.