ގަވާއިދާ ޚިލާފަށް ޖަލުތަކަށް ވައްދާ މޯބައިލް ފޯނު ހޯދަން ޚާއްސަ އެންޓަނާތަކެއް ހަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ
ހޯމް މިނިސްޓަރު މިފަދައިން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މެންބަރު ވަނީ ޖަލަށް ޖަލަށް މަނާ ތަކެތި އެތެރެ ކުރުން ހުއްޓުވަން ކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ސުވާލުކޮށްފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޖަލަށް މަނާ ތަކެތި އެތެރެ ކުރުން ހުއްޓުވަން މީގެ ދެ މަސް ކުރިން އެންޓަނާތަކެއް ގާއިމް ކުރި ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ފޯނެއް އެތެރެ ކުރި ކަން އެނގިއްޖެނަމަ ފުރަތަމަ ކަމަކަށް އެ ފޯނުގެ ޚިދުމަތް ކަނޑާލުމަށްފަހު ފޯނު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޖަލުގައި އާންމުކޮށް ބޭނުން ކުރާ ފޯނު ނޫން އެހެން ފޯނެއް ޖަލު ތެރެއަށް ވަދެއްޖެނަމަ އެ އެންޓާނަތައް މެދުވެރިކޮށް އެނގިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެންޓަނާތައް ގާއިމް ކުރި ނަމަވެސް މުވާސަލާތީ ޚިދުމަތުގެ ގާނޫނާއި ގަވާއިދުތައް އޮތް ގޮތުން މި ކަން ކުރުމުގައި ގާނޫނީ ހުރަސްތަކެއް ދިމާވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.