މާލޭގެ ބާޒާރުމަތީގައި ލުނބޯ ކިލޯއެއްގެ އަގު 600 ރުފިޔާއަށް އުފުލައިފިއެވެ.
މާރުކޭޓުގެ ގޮޅިތަކުންނާއި ބާޒާރުމަތިން ލުނބޯ ކިލޯއެއްގެ އަގު -/600 ރުފިޔާ އަށް އަރާފައިވާއިރު މއީ ރިކޯޑް މިންވަރަކަށް ލުނބޯގެ އަގު އުފުލިގެންދާ ރޯދަމަސް ކަމުގައި ވެގެންދާނެއެވެ.
މާލޭގެ ބާޒާރުމަތީ އަގުތަކަށް ބަލާއިތު މީގެ ހަފްތާއެއް ކުރި ލުނބޯކިލޯއެއް 75 ރުފިޔާއަށް ވިއްކި ނަމަވެސް އެއަގު ވަނީ ދުވަސްކޮޅަކުން 100 ރުފިޔާއަށް ބަދަލުކޮށްފައެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި ލުނބޯއަކީ ރޯދަމަހު ވަރަށް ޑިމާންޑް އޮންނަ ބާވަތެކެވެ. އެހެންނަމަވެސް ލުނބޯ އެތެރެކުރާ ފަރާތްތަކުން ސްޓޮކް ހިފަހައްޓާތީ ލުނބޯ ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވިޔަފާރިވެރިން ބުނެފައިވެއެވެ. އަދި ބައެއް ވިޔަފާރިވެރިން ބުނާގޮތުގައި އެންމެ ގިނައިން ލުނބޯ ގެންނަ ގައުމު ކަމަށްވާ މިސްރުގެ ބާޒާރުގައި ވެސް ލުނބޯގެ އަގު ވަނީ އުފުލިފައެވެ. އަދި ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ އަދަދު އިތުރުވެފައިވާތީ ލުނބޯ އަގުބޮޑު ކުރަނީ ކަމަށެވެ.
ރާއްޖެ އަށް ތިން ވަނަ އަށް އެންމެ ގިނައިން ލުނބޯ އެތެރެ ކުރާ އިންޑިއާގެ ބާޒާރުގައި ވެސް މިހާރު ލުނބޯގެ އަގު އުފުލެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރޯދަމަސް އެހާ ކައިރިވެފައިވަނިކޮށް ކާބޯތަކެތީގެ އަގު މިދަނީ ހިފެހެއްޓުމެއް ނެތި އުފުލަމުންނެވެ. އިމްޕޯޓްމުދާ ރާއްޖެ ގެންއުމުގައި ވިޔަފާރިވެރިން ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމާއި ގުޅިގެން ކާބޯތަކެތީގެ އަގު މިދަނީ އިނތިހާއަށް އުފުލެމުންނެވެ.
ނަމަވެސް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ރަމަޟާން މަހު އެންމެ އާއްމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.