އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ, ހައްޔަރުކޮށްފައިވާ އާމިންދިޔެ (އާމިންދައްތަ) ހައްޔަރުކޮށްފައި ވަނީ ނުހައްގުން ކަމަށް ބުނެ އައްޑޫ ސިޓީގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. އެމައްސަލައާއި ގުޅިގެން އާމިންދިޔެ ހައްޔަރު ކުރި ދުވަހުން ފެށިގެން ކޮންމެ ރެޔަކުވެސް އައްޑޫސިޓީ ރައްޔިތުން ގެންދަނީ ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ކުޑަކުއްޖާއާއި ބެހުނު ކަމުގެ ތުހުމަތުގައި އާމިންދިޔެ ހައްޔަރުކޮށްފައި ވަނީ ނުހައްގުން ކަމަށާއި, ބަލަންޖެހޭ ވަރަށް ނުބަލައި އާމިންދިޔެ ހައްޔަރުކޮށްގެން އެދެވެނީ ނުހައްގު އަދަބެއް ކަމަށެެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާގެ ކާފަކަމަށާއި, އޭނާ ހައްޔަރުކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ހިތަދޫގައި ހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ތަހުގީގަށް ކިޔައިދީފައިވީ ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޝަރަފުއްދީން ސުކޫލުގެ މަސައްކަތު މުވައްޒަފެކެވެ.

އައްޑޫ ރައްޔިތުން މިހާރު އެކުލަވާލަމުންދާ ޕެޓިޝަން އަކީ ސަރުކާރުގެ އިދާރާތަކަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ ޕެޓިޝަނެއް ކަމަށާއި, އެޕެޓިޝަން ދިވެހި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި އައްޑޫ ސިޓީ ކައުންސިލާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ޕެޓިޝަން ގައި ސޮއިކުރަން އުޅޭ އިސް ފަރާތެއް މައުލޫމާތު ދެއްވިއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި, އެޕެޓިޝަންގައި އައްޑޫގެ ގިނަ ބަޔަކު ގެންދަނީ ސޮއިކުރަމުންނެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު, ކޮންމެ ރެޔަކުވެސް ތަރާވީސް ނަމާދަށްފަހު ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާތައް ދަނީ ކުރަމުންނެވެ. އަދި މުޒާހަރާތައް ހުއްޓާލާނީ އަނިޔާލިބުނު ކުޑަކުއްޖާއަށާއި, ތަހުގީގަށް ހައްޔަރުކޮށްފައިވާ އާމިންދިޔެ އަށް އިންސާފު ލިބުމުން ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އެ އަންހެންމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަންހެން މީހާގެ އާއިލާއިން ބުނަނީ އެ ކުއްޖާ ކާފަގެ ވާހަކަތައް ކިޔައިދިނީ ޝަރީއަތް ނިމެންދެން ބަންދުކުރިފަހުން ކަމަށެވެ.