ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ކޮއްކޯފުޅަށް ވީނަމަވެސް އެކުގައި ދެން ސިޔާސީ މަސައްކަތެއް ނުކުރާނެކަމަށާއި، ރައީސް ޔާމީން ވަނީ އެއްވެސް ކުށަކާއި ނުލައި ބޮޑެތި އަނިޔާތަކެއް ދެއްވާފައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން "ސީއެންއެމް" އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނަށް އެއްވެސް ކުށަކާއި ނުލައި ބޮޑެތި އަނިޔާތަކެއް ދީފައިވާ މީހެއް ކަމަށާއި، ކޮއްކޯފުޅަށް ވީނަމަވެސް ސިޔާސީ ގޮތުން ރައީސް ޔާމީނާއިއެކު މަސައްކަތް ނުކުރައްވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލެއްވި ހިތި ހަނދާންތައް އާކުރައްވަމުން މައުމޫން ވިދާޅުވީ، އެއްކޮޅުން ރަހިމުގެ ގުޅުން ދަމަހައްޓަން ބޭނުންވިޔަސް އަނެއްކޮޅުން އެކަން ކުރަން ބޭނުންވާ ކަމުގައިވާނަމަ އެކަން ނުކުރެވޭނެކަމަށެވެ. މައުމޫން ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ފާރިޝްގެ އިތުރުން ނަދީމްވެސް ހައްޔަރުކުރި ކަމަށެވެ.
"އަޅުގަނޑު ހިތަކު ނެތް އެއްވެސް ވަރަކަށް ޔާމިނާ ގުޅިގެން ސިޔާސީ މަސައްކަތެއް ކުރާނަމެކޭ. އަޅުގަނޑަށް ވަރަށް ބޮޑެތި އަނިޔާދީފަ ހުރި މީހެއް އެއީ. އަޅުގަނޑުގެ އެއްވެސް ކުށަކާ ނުލާ ވަރަށް ބޮޑެތި އަނިޔާދީފަ ހުރީ. އަޅުގަނޑުގެ ކޮއްކޮއަކަށްވިޔަސް އޭނައާއެކު ސިޔާސީ މަސައްކަތެއްގަ ނޫޅެވޭނެ އިނގޭތޯ." މައުމޫން ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.