މިދިޔަ ޖުލައި މަހު ބަންޑާރަނައިބުގެ އޮފީހުން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ އަދަދު، އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް އެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބަންޑާރަނައިބުގެ އޮފީހުން ކޮންމެ މަހަކު އާންމުކުރާ މި ހިސާބުތަކަށް ބަލާއިރު، ޖޫން މަހާ އަޅާބަލާއިރު ކޯޓަށް ހުށަހެޅުނު މައްސަލަތަކާއި ލީގަލް އެއިޑް ފޯރުކޮށްދިން މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ޖުލައި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މަހު ބަންޑާރަނައިބުގެ އޮފީހުން 16 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވެއެވެ. މިއީ ޖޫން މަހު ކޯޓަށް ހުށަހެޅި 6 މައްސަލައާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ. ނަމަވެސް، ކޯޓު އަޑުއެހުންތަކުގައި ބައިވެރިވި އަދަދު ވަނީ ޖޫން މަހުގެ 86 އިން ޖުލައި މަހު 66 އަށް ދަށްވެފައެވެ.
ޤާނޫނީ ލަފާ ފޯރުކޮށްދިނުމުގެ ދާއިރާއަށް ބަލާއިރު، ޖުލައި މަހު ޖުމްލަ 72 ފަރާތަކަށް ޤާނޫނީ ލަފާ ދީފައިވެއެވެ. މިއީ ޖޫން މަހު ލަފާދިން 76 ފަރާތާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. އެހެންނަމަވެސް، ލީގަލް އެއިޑް ނުވަތަ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން މިންވަރު ވަނީ ޖޫން މަހުގެ 16 އިން ޖުލައި މަހު 25 އަށް އިތުރުވެފައެވެ.
ބަންޑާރަނައިބުގެ އޮފީހަކީ ޤާނޫނުއަސާސީންނާއި ޤާނޫނަކުން އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތް ތަމްސީލުކުރުމުގެ ޒިންމާ އުފުލާ އިދާރާއެވެ. މީގެ އިތުރުން އާބިޓްރޭޝަނާއި މީޑިއޭޝަންފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމުތައް މެދުވެރިކޮށް ހިނގާ މައްސަލަތަކުގައިވެސް ދައުލަތް ތަމްސީލުކުރަނީ އެ އޮފީހުންނެވެ.
ބަންޑާރަނައިބުގެ އޮފީހުން ކޮންމެ މަހަކުވެސް އަންނަނީ އެ އޮފީހުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށް ތަފާސްހިސާބު އާންމުކުރުމުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ ގާނޫނީ މަސައްކަތްތައް ހިނގާގޮތް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ހާމަކުރުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.