ގދ.ތިނަދޫގެ ބޮޑު ދެމިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދާއި ދަމު ނަމާދު ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުން އަންނަނީ ކުރަމުންނެވެ.
ގދ.އަތޮޅު ތައުލީމީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ހިގާ ރަމަޟާން މަހު ގދ. ތިނަދޫގެ ބޮޑު ދެމިސްކިތްކަމުގައިވާ، ތިނަދޫ އިސްލާމީ މަރުކަޒު އަދި މަސްޖިދުލް އިޚްލާސްގައި، އިމާމުވެ ތަރާވީހާއި ދަމުނަމާދު ކޮށްފައިވަނީ އެސްކޫލްގެ ގްރޭޑް 9 ގެ ދެ ދަރިވަރުން ކަމުގައިވާ އަލްހާފިޒް އާހިލް މުޙައްމަދު ޒާހިރު އަދި މުޙައްމަދު ޝަޔާން ޝިޒާންއެވެ.
އަލްހާފިޒް އާހިލް މުޙައްމަދު ޒާހިރު އިމާމުވެ ނަމާދު ކުރަނީ - ފޮޓޯ: ގދ.އަތޮޅު ތައުލީމީ މަރުކަޒު
އެހެންކަމުން އަލްހާފިޒް އާހިލް މުޙައްމަދު ޒާހިރު އަދި މުޙައްމަދު ޝަޔާން ޝިޒާންގެ ހިތްވަރަށް ފަޚުރުވެރިވެ ސްކޫލްގެ އެންމެހައި ދަރިވަރުންނާއި، މުވައްޒަފުން އަދި ބެލެނިވެރިންގެ ނަމުގައި އެސްކޫލުންވަނީ ޝުކުރު އަދާކޮށްފައެވެ. އަލްހާފިޒް އާހިލް މުހައްމަދު ޒާހިރަކީ، ޤުރުއާން ހިތުން ދަސްކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަރުވާ ހާފިޒުކަމުގެ ފަޚުރުވެރި ސަނަދު ހާސިލްކޮށްފައިވާ ދަރިވަރެކެވެ.
ސްކޫލް ދައުރުއްސުރެ ކުދިންގެ ހިތްތަކުގެ އިސްލާމް ދީނާއި، ދީނީ ކަންކަމަށް އަދި ޤުރާޢާނަށް ލޯބި ޖެއްސުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެ. ކުދިންގެ ދީނީ އަޤީދާ ވަރުގަދަކޮށް، ނަމާދަށް ލޯބި ޖެއްސުމަށް ސްކޫލްތަކާއި ކައުންސިލް ގުޅިގެން ތަފާތު ޕްރޮގްރާމްތައް ކުރިޔަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އިމާމުވެ ތަރާވީޙް ނަމާދު އަދި ދަމު ނަމާދު ކުރުމަށް މިފަދަ ފުރުޞަތުތައް ދިނުމަކީ އެކުދިންގެ ހިތްތަކުގައި ދީނީ އަޤީދާ ވަރުގަދަވެ، ދީނީކަންކަމަށް ލޯބި ޖެހިގެން ދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުންވެސް ތިނަދޫ ކައުންސިލުން މުޅިން އަލަށް ހިންގި "ކަސީދާ" ޕްރޮގްރާމްގެ ދަށުން ހިންގި އިމާމުންގެ ތަމްރީންގައި ބައިވެރި 19 ފަރާތަކަށް ވަނީ ސަނަދު ހާސިލްކޮށްފައެވެ.
"ކަސީދާ" ޕްރޮގްރާމަކީ ފާއިތުވި ކައިރި މާޒީތަކުގައި ތިނަދޫގެ މިސްކިތްތަކުގައި ދިމާވި އިމާމުންގެ ދަތިކަމާއި ރޯދަމަސްތަކުގައި ދިމާވި ހާފިޒުން ތަރާވީސްކުރުމުގެ މައްސަލަތައް ޙައްލުކޮށް، މިސްކިތްތަކުގައި އިމާމްވެ ނަމާދާއި ތަރާވީސް ކުރާނެ ޒުވާނުން އުފެއްދުމަށް ތިނަދޫ ކައުންސިލުން ހިންގި ޕްރޮގްރާމެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.