1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

އަނެކާއި ވާހަކަ ދައްކާއިރު ތަބަޢަވާންޖެހޭ ހަމަތަކެއް ވާކަން ދެނަ ހުރިންތަ؟

ވާހަކަ ދެއްކުން
ޢަޒީޒާ އަފީފް
677ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މުއާމަލާތުކޮށް މުވާސަލާތު ކުރާ ފަރާތްތަކުން ތަބަޢަވާންޖެހޭ ހަމަތަކާއި އުސޫލުތަކާއި އަދި ޤަވާއިދުތަށް ބަހަވީއިލްމުވެރިންނާއި ބަސްވާރުންވަނީ ފުޅާ ދާއިރާއެއްގައި ދިރާސާ ކުރައްވާފައެވެ. މިއީ ދައްކާ ވާހަކައަކުން ކާމިޔާބު ހާސިލްކުރުމަށްޓަކައެވެ. މިފަދަ ޤަވާއިދުތަކުގެ ތެރެއިން ފާހަނގަކޮށްލެވޭ އެންމެ ހަރުދަނާ އެއް ޤަވާއިދަކީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ފިލޯސަފަރެއް ކަމަށްވާ ހާބަރޓް ޕޯލް ގްރައިސް، 1975 ގައި ތަޢާރަފް ކުރެއްވި ނަޒަރިއްޔާއެވެ. އޭނާ ހާމަކުރައްވާފައިވާ ގޮތުގައި އެއްބަޔަކު އަނެއްބަޔަކާ މުއާޞަލާތުކުރުން ނުވަތަ ވާހަކަދެއްކުން ހަތަރު ބަޔަކަށް ބަހާލެވެއެވެ. 'ކޯޕަރޭޓިވް ޕްރިންސިޕަލް' ނުވަތަ ގުޅިގެން ވާހަކަ ދެއްކުމުގެ މި ނަޒަރިއްޔާގައި ފާހަގަކޮށްލެވޭ 4 ނުކުތާ ތިރީގައި ހިމަނާލެވިފައިވާނެއެވެ.

  1. މެކްސީމް އޮފް ކުއަންޓިޓީ: (Maxim of Quantity) - ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް ވާހަކަދެއްކުން.

މިސާލު: އަޙްމަދު: ހާދަރީތި ފައިވާނެއް. ކޮންތާކުންގަތީ؟ ޢަލީ: ފަޔަށްވެސް ވަރަށް ފަސޭހަ. މާލޭ ބާޒާރަކުން މީގެ ފައިވާނެއް ނުކެރޭނެ ހޯދާކަށް. މިނޫނިއްޔާ ދެކުނިންތަ މިކަހަލަ ފައިވާނެއް. ބަލާލައިރު ހީވަނީ ވަރަށް ތުނިވާނެހެންދޯ! އެކަމަކު މިއީ ވަރަށް ބޯފައިވާނެއް. މިއީ މިފަހަރު މެލޭޝިއާއިން އަންނަމުން އަންހެނުން އުފަންދުވަހުގެ ހަދިޔާއަކަށް ގެނެސްދިން ފައިވާނެއް. ބުނި ރާއްޖޭގެ 200 ރުފިޔާވަރަށޯ ޖެހެނީ. ވަރަށް ސަޅިދޯ! މަތީގައިވާ މިސާލުގައި މިއީ އަންހެނުން މެލޭޝިއާއިން ގެނައި ގަމީހެކޭ ބުނިނަމަވެސް ސުވާލުކުރިމީހަށް އޭނާގެ ޖަވާބު ލިބޭނެއެވެ.

300 × 250
  1. މެކްސީމް އޮފް ކޮލިޓީ: (Maxim of Quality) - ދައްކާވާހަކައިގެ ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުން.

މިސާލު: އައިމިނަތު: އޭހ! ތެދެއްތަ! ދެންމެ ތަށި ތަޅައިގެން ދިޔައީ ސަމާ އަތުންތަ؟ ޙައްވަ: ސަމާ އާއި ހަނާއާއި މުނާއާއި އަހަންނާއި ހަތަރު މީހުން ޖޫސްގިރަން އުޅެނިކޮށް ސަމާގެ ތަށި  ބިންމައްޗަށް ވެއްޓިފަ ތަށިތެޅުނީ. މި މިސާލުގައި ޙައްވަގެ ވާހަކައިގެ ތެދުކަން ސާބިތުކޮށްދޭނެ އިތުރު އެހެން ދެމީހެއްގެ ވާހަކަވެސް އޭނާގެ ވާހަކައިގައި އެބަ ގެނެއެވެ. އެހެންކަމުން މި ވާހަކަ މެކްސީމް އޮފް ކޮލިޓީއަށް ފެތެއެވެ.

  1. މެކްސީމް އޮފް ރިލޭޝަން: (Maxim of Relation) - ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް ވާހަކަދެއްކުން.  (މި މެކްސީމްއަށް މެކްސީމް އޮފް ރިލަވަންސް  (Maxim of Relevance) އޭވެސް ކިޔައެވެ.)

މިސާލު: ވަސީމް: ފަޒީލު، ޔަޒީދު ކޮބައިތަ؟ ފަޒީލް: ދެންމެ މިއައީ. މިއުޅެނީ ކެންޓީނަށް ދާންވެގެން ދާނަންތަ؟ މި މިސާލުގައި ވަސީމުގެ ސުވާލަށް ފަޒީލު އިޖާބަ ދިންނަމަވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ވަސީމުކުރި ސުވާލުގެ ބަދަލުގައި ފަޒީލު އެވަނީ ޖަވާބާ ގުޅުމެއްނެތް އެހެން ވާހަކައަކަށް މަގުކޮށާފައެވެ. މި މިސާލުގައި ފަޒީލު އެވަނީ މެކްސީމް އޮފް ރިލޭޝަން އާ ޚިލާފުވެފައެވެ.

  1. މެކްސީމް އޮފް މެނަރ: (Maxim of Manner) - ދައްކާވާހަކަ އަޑުއަހާމީހުންނަށް އޮޅުންނާރާފަދަ ގޮތަކަށް ތަރުތީބުން ވާހަކަދެއްކުން.

މިސާލު: މުދައްރިސް: އަނބުފަނި ގިރާނީ ކިހިނެއް؟ ދަރިވަރު: ފުރަތަމަ ފަނިގިރަން ބޭނުންކުރާ އަނބުތައް ރީތިކޮށް ދޮވެލާފައި ކޮށާލައި އޮށް ނަގާނީ. އެއަށްފަހު މިކްސްޗަރަށް ކޮށި އަނބުކޮޅުތަކާއި ހަކުރާއަޅާ ކުޑަ ފެންފޮދެއް އެޅުމަށްފަހު މިކްސްކޮށްލާނީ. ދެން ބޭނުންވާވަރަށް ފެން އެޅުމަށްފަހު ފޮނިހެޔޮވަރުކުރާނީ. އެއަށްފަހު ފުރާނާލީމަ އެހެރީ ތާޒާ އަނބުފަނި ހެދިފަ. މި މިސާލުގައި މެކްސީމް އޮފް މެނަރ އަށް ދަރިވަރު ވަރަށް ރަނގަޅަށް ތަބަޢަވެއެވެ. އަނބުފަނި ގިރަންވީގޮތް އޭނާ ކިޔައިދިނީ ތަރުތީބުންނެވެ. މުއާޞަލާތު ކާމިޔާބު ކުރުމަށްޓަކައި މުޚާޠަބުކުރެވޭ މީހުންގެ ސަޤާފަތާއި އާދަކާދައާއި އަދަބުތަކަށް ރައްކާތެރިވުމަކީވެސް މުހިންމުކަމެކެވެ. ހަމައެއާއެކު ވާހަކަ ދައްކަމުންދާއިރު ޕްރޮފެސަރ ޕޯލް ގްރައިސްގެ ހަތަރު ނުކުތާއަށް އަބަދުވެސް ސަމާލުކަންދީގެން ދެން ބުނަންވީ ވާހަކައަކާމެދު ފިކުރުކުރަމުން، ވިސްނުންތެރިކަމާއެކު ވާހަކަދައްކާނަމަ އެކުރާ މުއާޞަލާތެއް ކާމިޔާބުވާނެއެވެ. މުޢާމަލާތުކުރުމަކީ ނުހަނު މުހިއްމު ކަމަކަށްވެފައިވާއިރު މިފަދަ އުސޫލުތައް ދެނެގަނެ ދުވަހުން ދުވަހަށް ދެކެވޭ ވާހަކަތަކުގައި ބޭނުންކުރުމަކީ މުހިއްމުކަމެކެވެ. ހުނަރެކެވެ. އަދަބެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި