ހުވަދު އަތޮޅުގެ 3 ރަށް ހިމެނޭ ގޮތަށް 19 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިއީ ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކުއްލި ޙާލަތްތަކުގެ ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަޞީލަތަކީ އެމްބިއުލާންސްގެ ޚިދުމަތްކަމަށްވާއިރު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައިވާކަމުގެ ޝަކުވާ ގިނަ ރަށްރަށުން ވަނީ ހެލްތު މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކާ މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫޢުއެއް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް މިނިސްޓްރީން ވަނީ އެސްޓީއޯއާ ޙަވާލުކޮށްފައެވެ. އަދި އެހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެ ގެނެސް ރަސްމީކޮށް އެތަކެތި ހެލްތް މިނިސްޓްރީއަށް ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މިގޮތުން މި އެމްބިއުލާންސްތައް މިފަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ ޖުމުލަ 19 ރަށަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ.އަތޮޅުގެ 2 ރަށާކާއި ހދ.އަތޮޅުގެ ރަށަކާއި ށ.އަތޮޅުގެ ރަށެކެވެ. މީގެ އިތުރަށް ނ.އަތޮޅުގެ 3 ރަށަކާއި ބ.އަތޮޅުގެ 2 ރަށަކާއި،ކއަތޮޅުގެ 2 ރަށަކަށާއި އދ.އަތޮޅުގެ ރަށެއްވެސް ހިމެނެއެވެ. އަދި ދ.އަތޮޅުގެ 2 ރަށަކަށާއި ތ.އަތޮޅުގެ ރަށަކަށާއި ލ.އަތޮޅޫގެ ރަށަކަށާއި ގއ.ގެ ރަށާކާއި ގދ.އަތޮޅުގެ 2 ރަށަކަށްވެސް މިފަހަރު އެމްބިއުލާންސްތައް ފޮނުވާނެއެވެ.
އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަތަކީ
- ގއ. ދެއްވަދޫ
- ގދ.ގައްދޫ
- ގދ. ހޯޑެއްދޫ
- ހއ. މުރައިދޫ
- ހއ. އިހަވަންދޫ
- ހދ. ނޮޅިވަރަންފަރު
- ށ. މާއުނގޫދޫ
- ނ. ހޮޅުދޫ
- ނ. ލަންދޫ
- ނ. ހުޅުދުއްފާރު
- ބ. ކަމަދޫ
- ބ. ހިތާދޫ
- ކ. ހިންމަފުށި
- ކ. ގުޅި
- އދ. އޮމަދޫ
- ދ. ބަނޑިދޫ
- ދ. ހުޅުދެލި
- ތ. ގުރައިދޫ
- ލ. ފޮނަދޫ
އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިޘާގެ ވަގުތުތަކުގައާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. އަތޮޅުތަކުގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ސިއްހީ ފަރުވާ ހޯދަން ކޮންމެހެން މާލެ އަންނަން ޖެހިގެން ނޫނީ މާލެއަށް އައުން ހުއްޓުވުމަށް ސަރުކާރުން ދަނީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރިއަށްވުރެ ފުޅާކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.