ފެނުގެ ޝެލްފް ލައިފް ނުވަތަ ތާޒާކަމާއެކު ބޭނުންކުރުމަށް ވަކި މުއްދަތެއް އެކުލެވޭތޯ މިއީ ޒަމާނުއްސުރެ ބަހުސް ކުރެވޭ މައުޟޫއެކެވެ. ހަގީގަތް އޮޅުންފިލުވައި، ރައްކާކޮށްފައި ހުންނަ ފެން ބުއިމަށް ރައްކާތެރި ގޮތުގައި ދެމިއޮންނަނީ ކިހާ މުއްދަތަކަށްތޯ އާއި "މުއްދަތު ހަމަވެފައިވާ" ފެން ބުއިމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. މުއްދަތު ހަމަވާ ތާރީހު ފަހަނައަޅާފައިވާ ފެންފުޅީގައި ހުންނަ ފެން ހަލާކުވެފައި ނުވަތަ ތަޣައްޔަރުވެފައި ހުރެދާނެ ކަމަށް ގިނަމީހުން ޤަބޫލުކުރެއެވެ. ބަންދުކޮށްފައި ހުންނަ ފެން ފުޅިތަކުން އެ ފުޅީގެ ލޭބަލްގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހެއް ފެންނާނެ އެވެ. އެތާރީޚުން ބުނެދެނީ ފެން ނުބައިވެގެންދާ ވާހަކައެއް ނޫނެވެ. އެއީ ޕްލާސްޓިކް ފުޅި ބޭނުން ކުރުމުގެ ސަބަބުން ޕްލާސްޓިކްގެ އަސަރު ފެނަށް ކޮށްފާނެ ކަމެވެ. ފެނަކީ، އޭގެ ސާފު ސިފައިގައި، ޤުދުރަތީގޮތުން އުފެދިފައިވާ ކޮމްޕައުންޑަކަށްވާތީ، ފެނަކީ ވަކި މުއްދަތެއް ނުވަތަ އެކްސްޕަޔަރީ ޑޭޓެއް އޮންނަ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް، ފެނުގެ ކޮލިޓީއަށް އަސަރުކޮށް ފެން ތަޣައްޔަރުވާކަންކަމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. ޕްލާސްޓިކްގައި އެކުލެވޭ ތަފާތތު މާއްދާތަކަކީ، ގިނަ ދުވަސްވުމުން، އޭގެ އަސަރު ފެނުގެ ތެރެއަށް ލީޗް ވާން ފަށާ އެއްޗަކަށް ވެއެވެ. ހޫނުމިން މަތިވުމުގެ ސަބަބުންވެސް އެންޓިމޮނީ އާއި ބިސްފެނޯލް އޭ (ބީޕީއޭ) ފަދަ ގެއްލުންދެނިވި ކެމިކަލްތަކުން ފެން ތަޣައްޔަރުވެއެވެ. ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ މުއްދަތު ހަމަވެފައި ހުންނަ ފެން ނުވަތަ، ޕްލާސްޓިކް ފުޅީގައި ބަންދުކޮށް، ހޫނުތަންތަނުގައި ރައްކާކޮށްފައި ހުންނަ ފެން ބުއިމަކީ ރައްކާތެރިކަމެއް ނޫނެވެ.
ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަފެނުގެ މުއްދަތު ހަމަވުމަށްފަހު ވާގޮތް:
ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތު (އެޗްއެސްޕީއެޗް) އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ޕޮލިކާބޮނޭޓް ފުޅިތަކުން ނުވަތަ އާންމުކޮށް ބޭނުންކުރާ ޕްލާސްޓިކް ފުޅީގައި ބަންދުކުރާ ފެން ހަފުތާއެއް ވަންދެން ބުއި ބައިވެރިންގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލްތައް ނަގައި ތަޙްލޅުކުރެވުނު އިރު، އެ ސާމްޕަލްތަކުގައި ކެމިކަލް ބިސްފެނޯލް އޭ (ބީޕީއޭ) ގެ ތިންބައިކުޅަ ދެބައި އިތުރުވެފައިވާކަން ވަނީ ދައްކާފަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޓްރީޓްޑް ޓެޕް ފެން ނުވަތަ ގޭގައި ހުންނަ ސަޕްލައި ފެނަކީ ރަނގަޅަށް ރައްކާކުރެވިއްޖެނަމަ ހަ މަސް ދުވަސް ވަންދެން ބުއިމަށް ރައްކާތެރި އެއްޗެކެވެ. އަދި މިގޮތުން ސްޕާކްލިން ފެނަކީ 1 އަހަރާއި 2 އަހަރާ އި ދެ އަހަރާ ދޭތެރޭގައި ބޭނުންކުރުމަށް ރައްކާތެރި ފެނެކެވެ. ސަޕްލައި ފެން ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑް އާއި މިކްސް ވެއްޖެ ނަމަ އޭގެ ރަހަޔަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ އިތުރުން ކާބޮނޭޓް ކޮށްފައިވާ ސަޕްލައި ފެންވެސް ތަންކޮޅެއް ގިނަދުވަސް ވުމުން، ފުޅީގައި ހުންނަ ގޭސް އާވިއަށް ބަދަލުވެގެން ދިޔުމުން ފެނުގެ ކޮލިޓީއަށް ބަދަލު އާދެވެ. ނަމަވެސް ސަޕްލައި ފެނާއި ކާބޮނޭޓް ކޮށްފައިވާ ފެން ރަނގަޅަށް ރައްކާކުރެވިއްޖެ ނަމަ ރަހަޔަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް ހަ މަސް ދުވަސް ވަންދެން ބުއިމަށް ބޭނުންކުރުން ރައްކާތެރިއެވެ.
ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ވަކި ރަނގަޅެކޭ ނުބުނެވޭނެ
ރާއްޖޭގައި ފުޅީގައި ބަންދުކުރާ ފެނަކީ ވެސް، ސަޕްލައި ފެނެކޭ އެއްގޮތަށް، މޫދު ލޮނުން އުފައްދާ ފެނެވެ. ތަފާތަކީ، އިންޑަސްޓްރީގެ މާހިރު ފާހަގަކުރާ ގޮތުން ނަމަ، ފުޅީގެ ފެން ދެވަނަ ފަހަރަކަށް ފިލްޓަކޮށްފައި އެއަށް އެ ބްރޭންޑެއްގެ ރެސިޕީއާ އެއްގޮތަށް އަލުން މިނެރަލްސް އެޅުމެވެ. އެކަމަކު މިނެރަލް އަޅާފައި ހުންނަނީ ވެސް ބައެއް ބްރޭންޑްތަކެވެ. އިތުރަށް ފުރޭނުމަކީ ފެން ބޮޑަށް ސާފުވެގެންދާނެ ކަމެކެވެ. އެކަމަކު، ފުޅީގައި ބަންދުކުރި މިނެރަލައިޒްޑް ފެނަކީ ވަކި މޮޅު ފެނެއް ނޫނެވެ. ސިއްހީ މާހިރުން ދެކޭގޮތުގައި، އެމީހުންގެ މިންގަޑުތަކާއި އެއްގޮތަށް ބޭނުންވާ މާއްދާތަކެއް ލޭބަލުގައިވާފަދައިން ބަންދުކުރި ފެނުގައި އެކުލެވޭނެއެވެ. ފެން ފެކްޓްރީއިން ތައްޔާރުކޮށް ބާޒާރަށް ނެރޭއިރު މިގޮތަށް ވުން އެކަށީގެންވެއެވެ. ނަމަވެސް، ފެން އުފައްދާ މަރުކަޒުން ނެރެގެން ކަސްޓަމަރާއި ހަމަޔަށް ފޯރުމުގައި ފެން ގެންގުޅެވޭ ތަފާތުގޮތްގޮތުންނާއި، ފެން ރައްކާކުރެވޭ ގޮތުން، ފެނުގެ ކޮލިޓީއަށް ބޮޑެތި ބަދަލުތަކެއް އެބައާދެއެވެ. ލެބޯޓްރީއެއްގައި ޓެސްޓްކޮށް ރަނގަޅަށް ބަލައިފިއްޔާ މިނެރަލް ވޯޓާއޭ ކިޔާފައި އަޅުގަނޑުމެން މި ބޭނުންކުރާ ބައެއް ބާވަތްތަކުގެ ފެނުގެ ކޮލިޓީ އެ ހުންނަން ޖެހޭ ވަރަށް ވުރެ މާ ދަށްކަށް ފާހަގަވެގެން ދާނެއެވެ. މިސާލަކަށް އެސިޑިޓީ ލެވެލް، ހާޑްނެސް، ޕޮޓޭސިއަމް އަދި ކެލްސިއަމް ލެވެލްތައް ބައެއްފަހަރު ހުންނަކަމުގައި ބައެއް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް ވުމުން، ގިނަ ރަށްރަށަށް ކާޑުގެ ބާވަތްތަކާއި، ބޯފެން ފޯރުކުރަމުންދަނީ ކަނޑުގެ މަގުންނެވެ. ރާއްޖޭގައި ކަނޑު ދަތުރުކުރާ ބޯޓުފަހަރަކީވެސް، ފުޅީގައި ބަންދުކޮށްފައި ހުންނަ މިނެރަލް ވޯޓަރ ރަށްރަށަށް އުފުލުމަށް އެންމެ އެކަށޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދުތަކެއް ނޫނެވެ. މިގޮތުން ބޯޓުގެ ފަލުކާތަކުގެ އަޑީގައި ނުވަތަ އެނޫންވެސް ގޮތްގޮތަށް ފުޅީގައި ބަންދުކުރާ ފެން އުފުލާކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ބޯޓުން ފެންކޭސްތައް ބޭލުމަށްފަހު، ބަރިބަރިއަށްޖަހައި ދުވާލުގެ ހޫނުގަދަ އަވީގައި އެތަށް އިރަކު ޖެޓީމަތީގައި ބަހައްޓާފައި ހުންނަ މަންޒަރުވެސް ވަރަށް ގިނައިން ފެނެއެވެ. އެއަށްފަހު، ކޮންމެވެސް ވެހިކަލެއްގައި އުފުލައިގެން ގޮސް ފެންކޭސްތަށް ބެހެއްޓެނީ، އެއްވެސް ވެންޓިލޭޝަނެއް ނުހުންނަ ހޫނު އަވަނެއްފަދަ ހޫނު ގަދަ ގުދަން ތަކުގައެވެ. މިފަދަ ހާލަތެއްގައި ރައްކާކުރެވޭ ފެންކޭސްތައް ގިނަފަހަރު ކަސްޓަމަރުންނާއި ހަމަޔަށް ދާއިރު، އެފެނުގައި ޕްލާސްޓިކް ރަހަވެސް ގިނަފަހަރު ހުރެއެވެ.
ފެން ރައްކާކުރާނެ ގޮތް
ފެން ރައްކާކުރުމަށް ރަނގަޅު ގޮތް އިޚްތިޔާރުކުރުމަކީ، ދިގު މުއްދަތަކަށް ރައްކާކުރުމުގެ އެންމެ މުހިންމު ބައެވެ. ރައްކާކުރެވޭނެ މިންވަރު ދެނެގަތުމުގެ އިތުރުން، ފިނިހޫނުމިން ބަހައްޓަން ޖެހޭ މިންވަރާއި، ފެނުގެ އަސަރު ނުހުންނަ ހިކި ތަނެއް ދެނެގަތުމަކީ ރަނގަޅުގޮތުގައި ފެން ރައްކާކުރުމަށް އެޅިގެންދާނެ މުހިންމު އަސާސީ ފިޔަވަޅުތަކެވެ. ކޮޕަރ އަދި ސްޓީލް ތަކެއްޗަކީ ދިގު މުއްދަތަކަށް ފެން ރައްކާކުރުމަށް އެންމެ އެކަށޭނަ ތަކެއްޗެވެ. ގަވާއިދުން ބޭނުން ކުރުމަށް، ބީޕީއޭ ފްރީ ޕްލާސްޓިކް ކޮންޓެއިނަރު ނުވަތަ ބިއްލޫރި ފުޅި އަބަދުވެސް އިހްތިޔާރު ކުރެވިދާނެ އެވެ. ފެން ރައްކާރުމަށް އަޅާ ތަފާތު ތަކެއްޗަށް ފެން އެޅުމުގައިވެސް، ވީހާވެސް ބޮޑަށް ތަފާތު ދިގު ހޮޅިތަކެއްގެ ތެރެއިން ފެން ފުނުވުމުގެ ބަދަލުގައި، ފިލްޓަރ އާއި ވީހާވެސް ކައިރިން ރައްކާކުރާ ފެން ނެގުމަށް އިސްކަމެއް ދިނުން މުހިންމެވެ. މިއީ، ފެން ތަޣައްޔަރުވުން ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. ތަފާތު ތަކެތީގައި ފެން ރައްކާކުރާއިރު، ވައި ބަންދު ވާގޮތަށް ހުރިހާ ވަގުތެއްގައި ވެސް ފެން އަޅާއެއްޗެއްގެ މަތި ބަންދުކޮށް ފޮތިގަނޑެއް އެޅުން މުހިންމެވެ. މިގޮތަށް އަމަލުކުރުމުން މައިކްރޯބްތަކުން އެއްކިބާވެ ރަނގަޅު ކޮލިޓީގެ ބޯފެން ރައްކާކުރެވޭނެއެވެ.
ފެން ފިލްޓަރ ކުރުމަށް އެންމެ ރަނގަޅު ގޮތް
ދިގު މުއްދަތަކަށް ރައްކާކުރުމަށާއި، ގަވާއިދުން ބޭނުންކުރުމަށްވެސް، ފެން ފިލްޓަރ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ފެން ފިލްޓަރ ކުރުމަށް އެންމެ ފަސޭހަ ގޮތަކީ 15 ވަރަކަށް މިނެޓް ވަންދެން ބޮކިޖަހައި ކެކެންދެން ފެން ކެއްކުމަށްފަހު ފެން ފިނިކޮށްލުމެވެ. ފެން ފިލްޓަރ ކުރުމަށް މިޒަމާނުގެ ގިނަ ގެތަކުގައި ބޭނުންކުރަމުން އަންނަނީ ވޯޓަރ ޕިއުރިފަޔަރއެވެ. ނުވަތަ ގޭގައި ބޭނުންކުރުމަށް ޚާއްސަކޮށްގެން ތައްޔާރު ކުރެވިފައިވާ، ރިވާސް އޮސްމޯސިސް (އާރުއޯ) ކުދި ފެން ޕްލާންޓް، ފިލްޓަރ ސިސްޓަމާއިއެކު ބޭނުންކުރެއެވެ. ނަމަވެސް ރިވާސް އޮސްމޯސިސް (އާރުއޯ) އަދި ޕިއުރިފަޔާސް އަކީ ވަކި ވަރަކަށް ބޭނުންކުރުމަށްފަހު އޭގެ ފިލްޓަރުތަކާއި، މެމްބްރޭންތައް ކޮންމެހެން ބަދަލުކުރަންޖެހޭ އެއްޗަކަށް ވުމުން، ޤަވާއިދުން ބަދަލުކޮށް ބޭނުންކުރުން މުހިންމެވެ. ލިކުއިޑް ބްލީޗިން މި ދުވަސްތަކުގައި ވަރަށް މަދުން ނޫނީ ބޭނުން ނުކުރާ ގޮތަކަށް ވީނަމަވެސް ލިކުއިޑް ބްލީޗިންގ އަކީ ފެން ސާފުކޮށް ޖަރާސީމް މަރާލުމަށް މީގެ ކުރިން ބޭނުންކުރެވުނު ވަރަށް މަގުބޫލު ގޮތެކެވެ. ބީ.ޕީ.އޭ ގެ ސަބަބުން ޖަނަވާރުންގެ ނަސްލު ހެދިބޮޑުވުމަށް ހުރަސްއެޅޭކަން އެނގިފައިވާ އިރު، މިއީ ކާޑިއޯވަސްކިއުލާ އެހެން ބަލިތަކާއި، އިމިޔުނިޓީ ގެ މައްސަލަތަކާއި، އިންސާނުންގެ ހަކުރުބައްޔާއި ވެސް ގުޅިފައިވާ އެއްޗެކެވެ. އާންމު ގޮތެއްގައި އަހަރެމެން ބޭނުންކުރަނީ ދެ ބާވަތެއްގެ ފެނެކެވެ. ބިމުގެ އަޑިން ވަޅުބަހައްޓައިގެން ނަގާ ފެނާއި، ސަޕްލައި ފެނެވެ. އެކަމަކު ބިމުގެ ފެން ވަޅުބަހައްޓައިގެން ބިމުން ނަގާފެން އާންމު ގޮތެއްގައި ސާފުވެ، ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ރަނގަޅަށް ރައްކާ ކުރަން ޖެހެ އެވެ. ފެނަކީ، އޭގެ ސާފު ސިފައިގައި، ޤުދުރަތީގޮތުން އުފެދިފައިވާ ކޮމްޕައުންޑަކަށްވާތީ، ފެނަކީ ވަކި މުއްދަތެއް ނުވަތަ އެކްސްޕަޔަރީ ޑޭޓެއް ނޯވެއެވެ. އެހެން ނަމަވެސް، ފެނަކީ އެހެން އެއްޗަކާއި މިކްސްވެއްޖެނަމަ، އޭގެ ކޮލިޓީއަށް އަސަރުކޮށް ފެން ތަޣައްޔަރުވެދާނެ އެއްޗެކެވެ. މިނިރަލް ވޯޓަރ އަކީ އޭގެޒާތުގައި ބުއިމަށް އެންމެ ރަނގަޅު ފެނަށް ވީނަމަވެސް، ގެންގުޅެވޭގޮތާއި، ރައްކާކުރެވޭ ގޮތުން، ފެނުގެ ކޮލިޓީ ދަށްވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.