އިންސާނިއްޔަތުގެ ތާރީޚު ދުށް އެންމެ ފުރިހަމަ އިންސާނާ ކަމުގައިވާ ކީރިތި ރަސޫލާ މުޙައްމަދު صَلَى اللهُ عَلَيْهِ وَسَلَّم އަކީ މުޅި އާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާއެވެ. އެކަލޭގެފާނުގެ މަތިވެރި އަޚްލާޤާއި، ބޭރުފުށުގެ ފުރިހަމަ ސިފަފުޅުތަކަކީ ކޮންމެ އިންސާނަކުވެސް އެ ބޭފުޅަކު ދެކެ ލޯބިވާނެ ފަދަ މާތް ސިފަފުޅުތަކެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި އެކަލޭގެފާނަށް މަދަޙަ ވަޙީކުރައްވައި އަންގަވާފައިވަނީ އެކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައި ކަމަށެވެ. މީގެ މާނައަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި އަދަބު އަޚްލާޤާއި، ހިތްތިރިކަމާއި، އޯގާތެރިކަން އެކަލޭގެފާނުގެ ކިބައިގައި ފުރިހަމައަށް ޖަމާވެފައިވުމެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކޮންމެ ސިފައަކީ މިއަދުގެ މުޖުތަމަޢުތަކަށް ބޭނުންވެފައިވާ އެންމެ ހެޔޮ ނަމޫނާއެވެ. އާއިލީ ގުޅުންތަކުން ފެށިގެން، ދައުލަތް ހިންގުމާއި، އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމުގައި އެކަލޭގެފާނު ދެއްކެވި މަގަކީ އެއަށްވުރެ ފުރިހަމަ އެހެން މަގެއް ނުވާފަދަ މަތިވެރި އުޞޫލުތަކެކެވެ
ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމާއި އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ ކޮންމެ މުސްލިމެއްގެ އީމާންތެރިކަން ފުރިހަމަވުމަށްޓަކައި ލާޒިމުކުރާ، ވާޖިބުވެގެންވާ ކަމެކެވެ. މާތްﷲ ވަނީ އެކަލާނގެ ދެކެ ލޯބިވާކަމަށް ދަޢުވާކުރާ ބަޔަކު ނަމަ، ރަސޫލާ ﷺ އަށް ތަބާވުމަށް އަމުރުކުރައްވާފައެވެ. އެކަލޭގެފާނަށް ތަބާވުމުގެ ނަތީޖާއަކީ މާތްﷲގެ ލޯބިލިބުމާއި ފާފަ ފުއްސެވުމެވެ. މިއީ މުސްލިމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އިސްލާމީ އަޤީދާ ބިނާވެފައިވަނީ މާތްﷲ އެއްކައުވަންތަކުރުމާއި، އެކަލާނގެ ރަސޫލާގެ ރިސާލަތު ޤަބޫލުކޮށް އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައި ހިފެހެއްޓުމުގެ މައްޗަށެވެ. އެހެންކަމުން، އެކަލޭގެފާނުގެ ސުންނަތާއި އަމުރުފުޅުތަކަށް ބޯލެނބުމަކީ އީމާންކަމުގެ އަސާސެކެވެ.
މީގެ އިތުރުން، މާތްﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދެއްގައި، އެކަމެއްގައި އަމިއްލަ އިޚްތިޔާރެއް އޮތްކަމަށް ދެކުމަކީ މުއުމިނުންގެ ސިފައެއް ނޫންކަން ޤުރުއާނުން ސާފުކޮށް އެނގެން އޮވެއެވެ. ރަސޫލާ ﷺ ގެ އަމުރުފުޅުތަކަކީ އެކަލޭގެފާނުގެ އަމިއްލަފުޅު އެދުންތަކެއް ނޫނެވެ. އެއީ މާތްﷲގެ ވަޙީއެވެ. އެހެންކަމުން، އެކަލޭގެފާނަށް އުރެދުމަކީ ސީދާ މާތްﷲގެ އަމުރުފުޅަށް އުރެދުން ކަމުގައި މިއަދުގެ ދީނީ ޢިލްމުވެރިންވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ. އިސްލާމީ މުޖުތަމަޢެއްގެ ހަމަޖެހުމާއި އަމާންކަން ބިނާވެފައިވަނީ މި މަތިވެރި މަގަށް ތަބާވެގެންނެވެ. އެކަލޭގެފާނު ގެނެސްދެއްވި ދީނީ ތަޢުލީމުތަކަށް ފުރިހަމައަށް ކިޔަމަންވުމަކީ އިންސާނާގެ ދުނިޔަވީ ޙަޔާތާއި އާޚިރަތް ބާއްޖަވެރިވުމުގެ އަސްލެވެ. ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ނަފްސަށްވުރެ ބޮޑަށް ރަސޫލާ ﷺ ދެކެ ލޯބިވާންޖެހޭނެކަމީ ކަނޑައެޅިގެން އެނގެން އޮތް ޙަޤީޤަތެކެވެ. މި ލޯތްބަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. އެއީ އެކަލޭގެފާނުގެ ސުންނަތް ދިރުވައި، އެ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމެވެ.
މުސްލިމް މުޖުތަމަޢުތަކުގައި މިއަދު ފެންނަމުންދާ ނޭދެވޭ ބައެއް އާދަތަކަށް ބަލާއިރު، ދީނީ ކަންކަމުގައި އަމިއްލަ ރައުޔު އިސްކުރުމާއި، ސާބިތުވެފައިވާ ސުންނަތްތަކަށް ފުރައްސާރަކުރުމަކީ ނުރައްކާތެރި ކަމެކެވެ. ރަސޫލާ ﷺ އަށް ޤަދަރުކުރުމަކީ އެކަލޭގެފާނު ގެނެސްދެއްވި ކޮންމެ ޙުކުމަކާއި ނަޞޭޙަތަކަށް އިޙްތިރާމްކުރުމެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކާ މެދު ސުވާލު އުފައްދައި، ބުއްދިއަށް ނުފެންނަ ކަމަށް ބުނެ ރައްދުކުރުމަކީ އީމާންކަމުގެ ބަލިކަށިކަން ދޭހަވާ ކަމެކެވެ. އިސްލާމީ ތާރީޚަށް ބަލާއިރު، އެންމެ ފުރަތަމަ މުސްލިމުން ކާމިޔާބު ހޯދީ ރަސޫލާ ﷺ ގެ ކޮންމެ ބަސްފުޅެއް "އަޑުއަހައި ކިޔަމަންވެއްޖެމު" މި ޝިޢާރުގެ ދަށުން ބަލައިގަނެގެންނެވެ. އެހެންކަމުން، މިއަދުވެސް މުސްލިމުންގެ ޢިއްޒަތާއި ޝަރަފު އަނބުރާ ހޯދޭނީ އެކަލޭގެފާނުގެ މަގަށް ފުރިހަމައަށް ރުޖޫޢަވެގެންނެވެ.
ކީރިތި ރަސޫލާ ﷺ އަށް ޤަދަރު ކުޑަކުރުމާއި، އެކަލޭގެފާނުގެ ސުންނަތަށް މަލާމާތްކޮށް އާޑަފުރައްސާރަ ކުރުމަކީ އިސްލާމީ މުޖުތަމަޢެއްގައި އެއްވެސް ސިފައެއްގައި ޖާގަ ދެވިގެންވާނެ ކަންކަމެއް ނޫނެވެ. އެކަލޭގެފާނަކީ މުޅި އުންމަތުގެ ބަފައެއް ފަދަ ބޭފުޅެކެވެ. މުސްލިމުންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮންނަ ލޯތްބާއި ޤަދަރަކީ އެހެން އެއްވެސް އިންސާނަކަށް ނުލިބޭނެ ފަދަ މަތިވެރި މަޤާމެކެވެ. އެހެންކަމުން، އެކަލޭގެފާނުގެ ކަރާމާތަށް އުނިކަން އަންނަ ފަދަ އެއްވެސް ޢަމަލަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ އަނިޔާއެކެވެ. މިފަދަ ކަންކަމަށް ހިތްވަރު ދިނުމާއި، މިނިވަންކަމުގެ ނަމުގައި މާތް ނަބިއްޔާ ﷺ އަށް ބަދުބަސް ބުނުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އިސްލާމީ ޤައުމުތަކުގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ހަރުދަނާ ޤާނޫނުތަކާއި އުޞޫލުތައް އޮންނަންޖެހެނީ މި ސަބަބަށްޓަކައެވެ.
ކޮންމެ މުސްލިމަކީވެސް އެމީހެއްގެ ފެންވަރުގައި ރަސޫލާ ﷺ ގެ ދިފާޢުގައި ތެދުވާންޖެހޭނެ މީހެކެވެ. މި ދިފާޢަކީ ހަމައެކަނި އަޑުގަދަކުރުމެއް ނޫނެވެ. އެކަލޭގެފާނުގެ މަތިވެރި ސީރަތު އުނގެނި، އެހެން މީހުންނަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެކަލޭގެފާނުގެ ރީތި އަޚްލާޤުން އަޅުގަނޑުމެންގެ ދިރިއުޅުން ޒީނަތްތެރިކުރުމަކީ އެކަލޭގެފާނަށް ދެވޭނެ އެންމެ ބޮޑު އިޙްތިރާމެވެ. މިއަދުގެ ޒުވާން ޖީލަށް ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން ލިބޭ ފިލާވަޅުތައް އުނގަންނައިދިނުމަކީ މުޖުތަމަޢުގެ އިސްލާޙަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތެވެ. އެކަލޭގެފާނަކީ ކެތްތެރިކަމާއި، މާފުކުރުމާއި، ހިތްހެޔޮކަމުގެ އެންމެ މަތީ ދަރަޖައިގައި ހުންނެވި ބޭފުޅެކެވެ. އެހެންކަމުން، އެކަލޭގެފާނުގެ މަގުން ހިނގާ މީހަކީ މުޖުތަމަޢަށް ފައިދާހުރި، ހެޔޮލަފާ މީހަކަށް ވާނެއެވެ.
އަޅުގަނޑުމެން ކޮންމެ މީހަކީވެސް މަރުގެ ރަހަ ދެކޭނޭ މީހެކެވެ. ދުނިޔޭގެ ވަގުތީ އުފަލާއި ޒީނަތަށްވުރެ، އާޚިރަތުގެ ދާއިމީ ބާއްޖަވެރިކަން މާ މުހިންމެވެ. ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ މީހުންގެ ތެރޭގައި ހިމެނުމަށްޓަކައި، މާތްﷲ ޢަމުރުކުރެއްވި ކަންކަން ކުރުމާއި، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން ލާޒިމެވެ. ރަސޫލާ ﷺ ދެކެ ލޯބިވުމަކީ އެކަލޭގެފާނުގެ ޝަފާޢަތް ލިބުމަށް އޮތް މަގެކެވެ. އެކަލޭގެފާނުގެ ސުންނަތަށް މަލާމާތްކުރާ މީހުންނަށް އޮތީ ބޮޑުވެގެންވާ ގެއްލުމާއި ހަލާކެވެ. ނަމަވެސް، އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނުގެ މަގު އިޚްތިޔާރުކުރާ މީހުންނަށް އޮތީ ކާމިޔާބީއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ދުޢާއަކީ އަޅަމެންނަކީ މާތް ނަބިއްޔާ ﷺ އަށް ޙަޤީޤީ މާނައިގައި ލޯބިވާ، އަދި އެކަލޭގެފާނުގެ ސުންނަތް ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ތަންފީޛުކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އާޚިރުގައި ފައިދާއެއް ވާނީ ދުނިޔެމަތީގައި ކުރި ހެޔޮ ޢަމަލަކުންނެވެ. އެހެންކަމުން، ރަސޫލާ ﷺ ގެ މަތިވެރި ނަމޫނާއާ އެއްގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.