1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ފަތިސްތަރި: ރަނގަޅު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ބައެއް ސިފަތައް

މަރްޔަމް ޝަފާ ސައީދު
604ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ހަޤީޤީ ސިފަތަކާއި މިއަދުގެ ހާލަތު: އިލްމީ ނަޒަރަކުން

ލީޑަރޝިޕް ނުވަތަ އިސްނެގުމުގެ ސިފައަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، މިއަދުގެ މުޖުތަމައުން ލިބޭ ޖަވާބުތައް ވަރަށް ތަފާތެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ލީޑަރަކީ ވަރަށް ނުފޫޒުގަދަ، ހުރިހާ މުވައްޒަފުން އެމީހަކު ދެކެ ޖެހިލުންވާ، އަމުރުވެރި، އަދި ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނުމުގެ "ގަޓު" ހުންނަންޖެހޭ މީހެކެވެ. މިފަދަ ލީޑަރުންގެ ފަލްސަފާއަކީ އެހެން މީހުންގެ މައްޗަށް އަމުރުވެރިކަން ދައްކައިގެން ނޫނީ ކަންކަން ނުކުރެވޭނެ ކަމަށް ގަބޫލުކުރުމެވެ. މި ދާއިރާގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މިފަދަ ވިސްނުމުގެ ވެރިން ގިނަފަހަރަށް މަސައްކަތް ކުރަނީ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ކުށް ހޯދައި، އެމީހުންގެ ނާގާބިލުކަން ދެއްކުމަށެވެ. މިއީ މުއައްސަސާއެއްގެ ކުރިއެރުމަށް އޮތް ބޮޑު ހުރަހެއް ކަމުގައި ވިޔަސް، ގިނަ ފަހަރަށް ވެރިކަމުގެ ބާރު ދެމެހެއްޓުމަށް ބޭނުންކުރާ އުކުޅަކަށް އޮންނަނީ މިކަން ވެފައެވެ.

ހަރުދަނާ ލީޑަރެއްގެ ކިބައިން ފެންނަންޖެހޭ އެންމެ މުހިންމު އެއް ސިފައަކީ ބޮޑާކަމާއި ކިބުރުވެރިކަމުން އެއްކިބާވެ، އޯގާތެރިކަން އިސްކުރުމެވެ. ތިމާއަކީ ވެސް އެހެން މީހުންނާ އެއްފަދަ އިންސާނެއްކަން ދަނެ، އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިހްސާސްތައް ދެނެގަތުމަކީ ކާމިޔާބު ލީޑަރެއްގެ އަސާސެވެ. މާޒީ ހަނދާން ނައްތާނުލައި، ދަށުން މަސައްކަތްކުރާ މީހުންނަށް އެހީތެރިވެ އަޅާލުމަކީ އެމީހުންގެ ހިތްތަކުގައި ވެރިޔާގެ މައްޗަށް އޮންނަ އިހްތިރާމް އިތުރުވެގެންދާނެ ކަމެކެވެ. ހަޤީޤީ ލީޑަރުންނަކީ ވަކި އަމާޒެއް ހާސިލްކުރުމަށްޓަކައި ޓީމު ގޮވައިގެން ކުރިއަށްދާ، ކެތްތެރިކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލާ ބަޔެކެވެ. ކޮންމެ ހާލަތެއްގައި ވެސް އެންމެ ރަނގަޅު ނިންމުން ނިންމުމުގެ ގާބިލުކަން ހުރުމާއެކު، ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ލީޑަރުން ވާންޖެހެއެވެ.

300 × 250

ޒިންމާ ނެގުމަކީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ސިފައެވެ. ކަމެއް ގޯސްވުމުން އެހެން މީހުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބަދަލުގައި، އަމިއްލައަށް އެކަމުގެ ޒިންމާ ނަގައި، އެކަން އިސްލާހުކުރަން މަސައްކަތްކުރުމަކީ ހިތްވަރުގަދަ ލީޑަރުންގެ އާދައެކެވެ. މުވައްޒަފުންގެ ޝަކުވާތައް އަޑުއަހައި، އެންމެ ފުރަތަމަ ކަންކަން ދެނެގަންނަ މީހަކަށް ލީޑަރު ވާންޖެހެއެވެ.

"ފުރަތަމަ އަޑުއަހާ، އެންމެ ފަހުން ވާހަކަދައްކާ" މީހަކަށް ވުމީ ލީޑަރޝިޕްގެ ރަނގަޅު އުސޫލެކެވެ. މިކަމުގެ ސަބަބުން ޓީމުގެ އެންމެންގެ ހިޔާލާއި މަޝްވަރާ ލިބި، އެންމެ ފުރިހަމަ ނިންމުން ނިންމުމަށް ފުރުސަތު ލިބިގެންދެއެވެ. މަކަރާއި އޮޅުވާލުމުން އެއްކިބާވެ، ހަޤީޤަތް ހާމަކުރުމަކީ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ލީޑަރޝިޕަކީ ވަގުތުން ވަގުތަށް ނުވަތަ "ޝޯޓްކަޓް" އަކުން ހާސިލްކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ ވަގުތާއި އަމަލީ ތަޖުރިބާގެ ތެރެއިން އަށަގަންނަވާ ސިފައެކެވެ. ޑރ. މާޓިން ލޫތާ ކިންގް ޖޫނިއަރ ވިދާޅުވެފައިވާ ފަދައިން، މުޖުތަމައަށް ބޭނުންވަނީ ފައިސާދެކެ ލޯބިވާ ނުވަތަ ދެއްކުންތެރިކަމަށް ލޯބިކުރާ ވެރިންނެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންވަނީ އިންސާފަށް ލޯބިކުރާ އަދި އިންސާނިއްޔަތަށް އިސްކަންދޭ ވެރިންނެވެ. މިފަދަ ލީޑަރުންނަކީ މުޖުތަމައަށް ހެޔޮ ބަދަލު ގެނެސްދޭނެ، އަދި އަންނަން އޮތް ޖީލުތަކަށް ނަމޫނާ ދައްކާނެ ބަޔެކެވެ. ހަޤީޤީ ލީޑަރަކަށް ވުމަށްޓަކައި އަމިއްލަ ނަފްސު އިސްލާހުކޮށް، އެހެން މީހުންނަށް އިހްތިރާމްކޮށް، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ލީޑަރޝިޕަކީ މަގާމެއް ނޫނެވެ. އެއީ އަމަލެކެވެ. މިއަދުގެ ދުނިޔޭގައި ފެންނަ ކަންދެއްކުމުގެ ސަގާފަތުން އެއްކިބާވެ، ހަޤީޤީ އޯގާތެރިކަމާއި، ޒިންމާދާރުކަމާއި، އިންސާފުވެރިކަން އިސްކުރާ ލީޑަރުން ބިނާކުރުމަކީ ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ މަސައްކަތެކެވެ. މުވައްޒަފުންނަށް ބިރުދައްކައިގެން ނުވަތަ ސޯޝަލް މީޑިއާގައި ފޮޓޯ ޖަހައިގެން ހޯދޭ މަގުބޫލުކަމަކީ ވަގުތީ ކަމެކެވެ. ނަމަވެސް، އިޚްލާޞްތެރިކަމާއެކު ކުރެވޭ މަސައްކަތާއި، މުވައްޒަފުންނަށް ބަހައްޓާ އޯގާތެރިކަމުގެ ހަނދާންތަކަކީ އަބަދަށް ދެމިގެންދާނެ ކަންކަމެވެ. ހަޤީޤީ ލީޑަރަކަށް ވުމަށް އެދޭ ކޮންމެ މީހަކުވެސް، މި ދެންނެވި އަސާސީ ސިފަތައް އަމިއްލަ ނަފްސުގައި އަށަގެންނެވުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި