ފުޓްބޯޅަ ކުޅެން ހުރި ދިވެހި ފިރިހެނަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ. އުމުރުން 47 އަހަރުގެ ހަހަކަ، މުޙައްމަދު ޙަސަން، ނިޔާވެފައިވަނީ ކުޅުދުއްފުށީ ހިރަފުސް ދަނޑެއްގައި މިއަދު ހަވީރު ކުޅެން ހުއްޓައި ގޯލަށް އަމާޒުވި ބޯޅައެއް ދިފާއު ކުރުމަށްފަހު ވެއްޓިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ. މުހައްމަދު ހަސަންއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދީފައިވާއިރު، ވެއްޓުނު ފަހުން އޭނާގެ ވިންދެއް ނެތް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މުހައްމަދު ހަސަން އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން އަންނަ މީހެކެވެ. އަދި އޭނާ ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ 25 އަހަރަށް ވުރެ ގިނަދުވަސް ވަނީ ވެފައެވެ. ނިމިދިޔަ ދެތިން ދުވަހުގެ ތެރޭގައި ރާއްޖެއިން ކުއްލި މަރު އިތުރުވަމުން ދާއިރު، ރޭގެ ވަގުތެއްގައި ގއ.ވިލިނގިލީ ނެރަށް ލޯންޗެއް އެރި ހާދިސާގައިވެސް ދެ ޒުވާނަކު ވަނީ ނިޔާވެފައެވެ.


اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

آمیـــــن