ޒީނަތްތެރިކުރުމުގެ ގޮތުން މަހާނަތަކުގެ މަތީގައި ރޭނުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެގޮތުން ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށް އެސިޓީގައި ވިދާޅުވެފައިވެއެވެ.

އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ޒީނަތްތެރިކަމުގެ ގޮތުން މަހާނަތައް މަތީ ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މަހާނަތައް ޒީނަތްތެރި ކުރުމުގެ ގޮތުން ރާނައި ރީތިކޮށް ބެހެއްޓުމަކީ މިހާޜު ވަރަށް އާންމުކަމެކެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަހާނަތައް ޒީނަތްތެރިކުރާތީ ޝައިހް އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މަހާނަތައް ފައިވް ސްޓާއަށް ޒީނަތްތެރިކުރުމަކުން މައްޔިތާއަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއު މައްޔިތާ އަށް ފައިދާ ވާނީ ހެޔޮ ދުޢާކުރީމައި ކަމަށެވެ.